މޯލްޑިވިއަން ސީޕްލޭން
އއ ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަން ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންއިން ހާމަކޮށްފި އެވެ.
މިކަން ހާމަކުރެއްވީ ދައުލަތުގެ މިޑިއާއަށް މޯލްޑިވިއަން ހިންގާ, އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާޙިމް އިޔާސް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެވެ.
އެގޮތުން އިލްޔާސް ވިދާޅުވީ ތޮއްޑުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް އެކަމަށް ބޭނުންވާ ސަރވޭގެ މަސައްކަތްތައް ފަށައި އެކުންފުނީގެ ޓީމެއް ތޮއްޑުއަށް ދަތުރުކޮށް، ސަރވޭއަށް ބޭނުންވާ މަޢުލޫމާތު ނެގުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަމުންދާ ކަމަށެވެ. އެގޮތުން މި ސަރވޭގައި، ޚިދުމަތް ދިނުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ ސަރވޭއާއި ސީޕްލޭން ކައިރިކުރާ ޕްލެޓްފޯމް ހެދުމުގެ މަސައްކަތް ގެންދާނެގޮތުގެ މައުލޫމާތާއި ބޯޓު ކައިރިކުރާ ފަޅުގެ މޫސުމާއި ރައްކާތެރިކަން އޮތް މިންވަރާ ތިމާވެއްޓަށް އަސަރުކުރާ މިންވަރު އަދި ރިސްކް އެސެސްމަންޓްތައް ހަދާނެ ކަން އިލްޔާސް ފާހަގަކުރެއްވި އެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ މި ދަތުރުތައް ފެށުމަށްޓަކައި ކައިރި ރިސޯޓްތަކުގެ އިތުރުން ތޮއްޑޫއާއި ކައިރި ރަށްތަކުގައި ވެސް ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަ ފަރާތްތަކާއިވެސް މަޝްވަރާތައް ކުރިޔަށް ދާ ކަމަށެވެ. އެގޮތުން ފެށި ސާވޭއާއި މަޝްވަރާތަކަކީ މި މަސައްކަތުގެ ވަރަށް ކުރީކޮޅުގައި ކުރާ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ މޯލްޑިވިއަންގެ އަމާޒަކީ ކުރަން ހުރި މަސައްކަތްތައް ފުރިހަމަކޮށް ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ވީހާވެސް އަވަހަށް ފެށުން ކަމަށެވެ.
ތޮއްޑޫ ވެގެންދަނީ މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭން ދަތުރު ފަށާ ދެވަނަ ރަށެވެ. އެގޮތުން އައު މެނޭޖްމެންޓުން ހަވާލުވިތާ މާގިނަ ދުވަސްތަކެއްނުވެ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މޯލްޑިވިއަންއިން ވަނީ ބ ފުޅަދޫއަށް ސީޕްލޭންގެ ހިދުމަތް ފަށާފައި އެވެ.
ރާއްޖޭގެ މީހުންގެ އުޅޭ ބައެއް ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ފެެއްޓެވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.