.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)
.jpeg?w=3840&q=75)
ޕޮލިސް ކޮމިޝަނަރ އަހްމަދު މުހައްމަދު- ފޮޓޯ: ފުލުހުން
ފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށާއި، ރޭންކާއި އެއްވަރަށް އަހުލާގާއި މަސައްކަތުގެ ފެންވަރާއި، ސުލޫކު މުޅި މުއައްސަސާއަށާއި ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭނެ ކަމަށް ޕޮލިސް ކޮމިޝަނަރ އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަގާމުގެ ކުރިއެރުން ލިބުނު ފަރާތްތަކަށް ހާއްސަކޮށްގެން އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންނަށް މުހާތަބުކުރައްވާ ކޮމިޝަނާ ވިދާޅުވީ ރޭންކެއް ބަދަލުވެގެން ދިޔުމަކީ އިއްޔެ ކުރި މަސައްކަތަށްވުރެ ބޮޑަށް ފަރުވާތެރިވެ، އިތުރު ހަރުފަތެއްގެ ޒިންމާ އުފުލަންޖެހޭ ކަމެއް ކަމަށެވެ.
ޕްރޮމޯޝަނަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މުއައްސަސާގެ އެތެރެއިންނާއި ބޭރުންވެސް ސުވާލު ނުއުފެދޭނެގޮތައް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އިލްތިމާސްކުރައްވާފަ އެވެ.
މީގެއިތުރުން ސީޕީ ވަނީ ފުލުހުންގެ އަހުލާގީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އަހުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނު ތަންފީޒްކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައެއް ކަމަށް ސީޕީ ފާހަގަކުރެއްވި އެވެ.
"މިތަނުގައި އެންމެ ފުރަތަމަ ފެންނަން ޖެހޭނެ އަސާސީ ސިފައަކީ މަސައްކަތްކުރަން ތިބި ބައެއްގެ އަހުލާގު. އަހުލާގެއް ނެތިއްޔާމު ދެން މިތަނުގައި އަޅުގަނޑުމެންނަށް ނުކުމެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ވެސް ނޯންނާނެ. އަދި ގާނޫނު ތަންފީޒުކުރަން ހަވާލުކޮށްފަ، ގާނޫނާ އެއްގޮތަށް ކަންކަން ތަރުތީބުކުރަން ހުންނަ މީހެއްގެ ކިބައިގައި އެ ސިފަ ނެތި، އޭނައަށް މީހެއް ކައިރީގައި ރަނގަޅުކުރަން ކަމެއް ބުނުމުގެ ހައިސިއްޔަތެއް ވެސް ނެތް" ސީޕީ ވިދާޅުވި އެވެ.
މީގެއިތުރުން ފުލުހެއްގެ ގޮތުގައި ހުވާކޮށްގެން ހުރެ ރިވެތި އަހުލާގު ހިފެހެއްޓުމުގައި ދެމިނުހުރެވޭނެކަމަށް އިހުސާސްވާނަމަ، މުއައްސަސާއަށް ހުތުރު ނަމެއް ލިބޭނެފަދަ ކަންކަމަށް އަރައިގަތުން ރަނގަޅު ނޫން ކަމަށް ސީޕީ ފާހަގަކުރެއްވި އެވެ. އޭގެ ބަދަލުގައި މުއައްސަސާއިން އަމިއްލައަށް ވަކިވެގެން ދިޔުމަކީ އެ ފުލުހަކަށާއި މުއައްސަސާއަށްވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ ޔުނިފޯމު އެޅުމުގެ މިންގަނޑުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނާ ފާހަގަކުރެއްވީ، ޔުނިފޯމަކީ ހަމައެކަނި ހާއްސަ ޖަލްސާތަކަށް ޒީނަތްތެރިކޮށް އަޅަން އޮންނަ އެއްޗެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުވާ ކޮންމެ ދުވަހެއްގެ ޑިއުޓީގައި ވެސް ޔުނިފޯމަށް ދޭންޖެހޭ ގަދަރާއި އިހުތިރާމްދީ، ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމައަށް ޔުނިފޯމު އެޅުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށްޓަކައި އަދާކުރެވޭ މުހިންމު ގާނޫނީ ވާޖިބެއްކަން ފާހަގަކުރައްވައި، އޮޕަރޭޝަނަލް ދާއިރާތަކުގައާއި އިދާރީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުން ވެސް ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކޮމިޝަނާ ބާރުއެޅުއްވި އެވެ. އަދި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކާއި ފާޑުކިޔުންތަކަކީ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކި، އެކަންކަން ދެނެގަނެ ހައްލުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ސީޕީ ވަނީ މުވައްޒަފުންނަށް ހައްގުވާ މަގާމުގެ ކުރިއެރުމާއި، ކުލައާއި މެޑަލް ފަދަ ޝަރަފުތައް ދިނުމުގައި ލީޑަޝިޕުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ޝަރުތު ހަމަވާ އެއްވެސް މުވައްޒަފެއްގެ ހައްގެއް ނުހިފަހައްޓައި ފޯރުކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސީޕީ ވަނީ މަގާމުގެ ކުރިއެރުން ލިބުނު ފުލުހުން އިއްޔެއަށްވުރެ މިއަދު މަސައްކަތަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށް، ވެރިންނަށާއި މުއައްސަސާއަށް އިހުތިރާމްކޮށް، ރިވެހި އަހުލާގުގެ މަތީގައި ތިބެ ގައުމީ ހިދުމަތުގައި ދެމިތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)


