އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފި
އައިޝަތު އިފާޝާ
3/25/2024, 11:15:13 AM
އޫރެއްގެ ކިޑްނީ އިންސާނެއްގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކުރަނީ
އޫރެއްގެ ކިޑްްނީއެއް އިންސާނެއްގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ޓްރާންސްޕްލާންޓް ކޮށްފައިވާ ކަމަށް މެސެޗޫސެޓްސް ޖެނެރަޕް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފިއެވެ. މި ހޮސްޕިޓަލަކީ ކިޑްނީ ޓްރާންސްޕްލާންޓްގެ އޮޕަރޭޝަނެއް އެންމެ ފުރަތަމަ ކުރި ހޮސްޕިޓަލެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ, މެސެޗޫސެޓްސް ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓްގެ މެނޭޖަރެއް ކަމަށްވާ އުމުރުން 62 އަހަރުގެ ރިކް ސްލޭމަން ނަމަކަށް ކިޔާ މި މީހެއްގެ ކިޑްނީ ފެއިލްވުމާއި ގުޅިގެންނެވެ. ކާމިޔާބު އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އޭނާ ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.
މެސެޗޫސެޓްސް ޖެނެރަޕް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ, އޭނާގެ އާ ކިޑްނީއަކީ އަހަރުތަކަކަށް ދެމިގެންދާނެ ކިޑްނީއެއް ކަމަށް ހީކުރި ނަމަވެސް ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ކުރާ މިފަދަ ޓްރާންސްޕްލާންޓްތަކުގައި ނޭނގޭ އެތައް ކަމެއް އެބަހުރިކަންވެސް ގަބޫލުކުރާ ކަމަށެވެ.
ސްލޭމަން ބުނެފައިވާ ގޮތުގައި, އޭނާއަކީ އެ ހޮސްޕިޓަލުގެ ޓްރާންސްޕްލާންޓް ޕްރޮގްރާމްގައި 11 އަހަރު ވަންދެން ބައިވެރިވެ ފަރުވާ ހޯދަމުންދާ މީހެއްކަމަށާއި, ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މަތިވެ އެތައް އަހަރެއް ވަންދެން ދިރިއުޅުމަށްފަހު 2018 ވަނަ އަހަރު އޭނާއަށް އިންސާނެއްގެ ކިޑްނީއެއް ޓްރާންސްޕްލާންޓް ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް އޭގެ ފަސް އަހަރު ފަހުން އެ ކިޑްނީ ފެއިލްވުމުގެ އަލާމާތްތައް ފެންނަން ފެށުމުން 2023 ވަނަ އަހަރު އަލުން ޑައިލިސިސް ހަދަން ފެށި ކަމަށެވެ.
އޭނާ ބުނި ގޮތުގައި އޭނާ ހުރީ ކިޑްނީ ބަލީގެ އެންމެ ފަހު މަރުހަލާގައި ކަން މިދިޔަ އަހަރު އެނގުމުން ޑޮކްޓަރުން އޭނާއަށް އޫރެއްގެ ކިޑްނީއެއް ޓްރާންސްޕްލާންޓު ކުރުމުގެ މަސައްކަތް ކުރުމަށް ލަފާދިން ކަމަށެވެ.
މިއީ މީގެ ކުރިން ކޮށްފައިނުވާ ކަމަކަށް ވިޔަސް އޭނާ ބޭނުންވީ އެކަމުގެ ސަބަބުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކާމިޔާބުކަމާއެކު ހުރިހާ ކަމެއްވެސް ގޮސްފިނަމަ އެއީ ޓްރާންސްޕްލާންޓް ހަދަން ޖެހޭ އެތައް ހާސް ބަޔަކަށް ދިރިހުރުމަށް އުންމީދުތަކެއް ހޯދައިދޭނެ މަގަކަށް ވުމުން އެކަން ކުރުމަށެވެ.
ލެގޯރެޓާ ސެންޓަރ ފޮރ ކްލިނިކަލް ޓްރާންސްޕްލާންޓް ޓޮލަރެންސްގެ ޑައިރެކްޓަރ އަދި އޮޕަރޭޝަން ކުރި ސާޖަން ޑރ ޓަޓްސުއޯ ކަވައި ވިދާޅުވީ ޓްރާންސްޕްލާންޓު ކުރި ކިޑްނީ އަކީ އިންސާނުންގެ ކިޑްނީއާ އެއްސައިޒެއްގެ ކިޑްނީއެއް ކަމަށެވެ.
ޑޮކްޓަރުންގެ ޓީމުން ބުނެފައިވާ ގޮތުގައި އެމީހާއަށް ޓްރާންސްޕްލާންޓު ކޮށްފައިވާ ކިޑްނީއަކީ އީޖެނެސިސް ބަޔޯ ކުންފުންޏަކުން ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ އޫރެއްގެ ކިޑްނީއެއް ކަމަށެވެ. އަދި އެގޮތަށް މޮޑިފައި ކުރުމުން އެ އޫރުގެ ކިޑްނީއާއި އިންސާނެއްގެ ކިޑްނީއާ ދާދި އެއްގޮތް ކަމަށްވެސް އެޓީމުން ބުނެފައިވެއެވެ.
ޖަނަވާރުންގެ ކިބައިން ލޭ އަދި ހަން ނަގައި، އިންސާނުންގެ ހަށިގަނޑުގައި ބޭނުންކުރުމުގެ ތަހުލީލުތައް ފެށުނީ 1600 ގެ އަހަރުތަކުގައެވެ. ސައިންސްވެރިން ބުނާ ގޮތުގައި އޫރެއްގެ ކިޑްނީ އިންސާނުންނަށް ޓްރާންސްޕްލާންޓު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 1960ގެ އަހަރުތަކުގައި ކަމަށެވެ. އަދި މި އޮޕަރޭޝަން ކާމިޔާބު ކުރެވުމަކީ ބޮޑު ކުރިއެރުމެެއް ކަމަށްވެސް ސައިންސްވެރިން ގަބޫލުކުރެއެވެ.