ޑިބާލާގެ ހެޓްރިކާއެކު ޓޮރިނޯ އަތުން ރޯމާ މޮޅުވެއްޖެ
ހަސަން ޝަމްއޫން
2/27/2024, 5:00:00 AM
ޑިބާލާ ޓޮރިނޯ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިޓާލިއަން ސެރިއޭގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޓޮރިނޯ އާއި ދެކޮޅަށް ރޯމާއިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރޯމާ އިން ލީގު ތާވަލުގެ ހަ ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ރޯމާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޕައުލޯ ޑިބާލާ އެވެ.
ނަމަވެސް އޭގެ ދެމިނެޓު ފަހުން ޓޮރިނޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮލަންބިޔާގެ ފޯވާޑް ޑުވަން ޒަޕާޓާ އެވެ. މިއީ އެޓީމުގެ އިޓަލީ ޑިފެންޑަރު ރައުލް ބެލަނޯވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ރޯމާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ޑިބާލާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ޑިބާލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މިއީ އިޓަލީގެ ޔުވެންޓަސް ދޫކޮށް ރޯމާއަށް ބަދަލުވި ފަހުން ޑިބާލާ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަަމަ ހެޓްރިކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 18 މެޗުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.
ޓޮރިނޯ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑަކީ ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ރޯމާގެ ޑިފެންޑަރު ޑީން ހުއިޖުސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 26 މެޗުން ރޯމާއަށް 44 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮރީނޯ އިން ލީގުގައި ކުޅުނު 26 މެޗުން އެޓީމަށް 36 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.