ތަރައްޤީއަށްކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރެވިގެން – ރައީސް

ޤައުމު ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރެވިގެންކަމަށާއި، ސަރުކާރުން ނަފްސާނީ ބަލީގެ ފަރުވާގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިހެން ވިދާޅުވީ ނަފްސާނީ ސިއްޙަތަށް ހޭންތެރިކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙުކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނަފްސާނީ ސިއްޙަތަށް ހޭލުންތެރިކުރުމުގެ ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙުއެވެ. ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޤައުމު ތަރައްޤީކުރުމަށްކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރެވިގެންކަމަށެވެ.

ރާއްޖެއަށް ބަލާއިރު، ކުޑަކުދިން އަދި ޒުވާނުންގެ މެދުގައިވެސް ނަފްސާނީ މައްސަލަތައް ގިނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރަކީ މުޖުތަމަޢުގައި މިފަދަ ކަންކަން ތަޙައްމަލު ކުރާ އެއްވެސް ބަޔަކު ބާކީކޮށްނުލުންކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ފަރުވާދޭ މަރުކަޒެއް ފުރަތަމަވެސް ޤާއިމުކޮށްފައިވަނީ މި ސަރުކާރުންކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު އައިޖީއެމްއެޗްގައި ޤާއިމުކުރި މެންޓަލް ހެލްތް ސެންޓަރުން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނައިރު ހުޅުމާލެ ހޮސްޕިޓަލްގައިވެސް މިހާރު މި ޚިދުމަތް ފަށާފައިވާކަމަށެވެ.

ސަރުކާރުން މިހާރު މިސްރާބު ޖަހާފައިވަނީ، އަތޮޅުތަކުގައި ނަފްސާނީ ބަލީގެ ފަރުވާ ފެށުމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ ބަލީގެ ކުރީކޮޅު ދެނެގަނެ، އެމީހުންނަށް ބޭނުންވާ އަވަސް ފަރުވާ، އެމީހަކު ދިރިއުޅޭ ހިސާބަކުން ލިބޭނެގޮތް ހަމަޖެއްސުންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލްތަކުގައި ނަފްސާނީ ބަލީގެ ފަރުވާ ފެށުމަށް ވަނީ ހަމަޖެހިފައި. އަތޮޅު ހޮސްޕިޓަލްތަކުގައި ކައުންސިލިންއާއި ތެރަޕީގެ އިންތިޒާމްތައް އަދި ޕްރައިމަތީ ކެއަރގެ ޚިދުމަތް ދަނީ ހަމަޖައްސަމުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެން އައުމުގެ އެންމެ މުހިންމު ދަޢުރެއް އަދާކުރަނީ ކައިރީގައި އުޅޭ ރައްޓެހިންނާއި އާއިލާކަމަށެވެ. އަދި އެއަށްފަހު ތިމާ މަސައްކަތު މާޙައުލާ، އަދި ސްކޫލްތަކުގައި މި މައްސަލައަށް ދަރިވަރުން ހޭލުންތެރިކުރުންވެސް ވެގެންދާނީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން ކުރެވޭ މުހިންމު މަސައްކަތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަފްސާނީ މައްސަލަތަކުގައި ދުރާލާ ފިޔަވަޅުތައް އެޅުމަށްވުރެ މުހިންމުކަމެއް ނެތްކަމަށެވެ. އަދި މިއީ ބަލީިގެ ފަރުވާއަށް ހޭދަކުރަންޖެހޭ ވަގުތާއި، ހޭދަވެސް އެތައް ގުނައެއް ކުޑަވާނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިމާ ދިރިއުޅޭ މާޙައުލަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ބޮޑަށް އަސަރުކުރާ ކަންތައްކަމަށެވެ. އެގޮތުން މާލެއަށް ބަލާއިރު، ބޯހިޔާވަހިކަމާއި މާލީ ދާތިކަން އިންތިހާއަށް އޮތްކަމަށާއި އަދި އަތޮޅުތަކުގައި ހުރި މައްސަލަތަކުގެ ތެރޭގައި، ރަށްރަށުގައި ބޭނުންވާ މުހިންމު ޚިދުމަތްތައް ނެތުމަކީވެސް އެފަދަ ޙާލަތްތަކަށް މަގުފަހިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"ނަފްސާނީ ވޭނަށް ހުށައެޅޭ އެތައް ކަމެއް އެބަހުރި، އެންމެ މުހިންމު ކަމަކީ އެފަދަ މީހުން އެކަހެރިވާން ދޫނުކޮށްލާ އެހީތެރިކަން ދިނުން. ބޭސްފަރުވާއަށްވުރެ އާއިލީ ލޯތްބާ އޯގާތެރިކަން މާ މުހިންމު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަފްސާނީ ބަލީގެ މައްސަލަ މިހާބޮޑަށް ގޯސްވާން ޖެހުނު ސަބަބަކީ، ޒަމާންތަކެއް ވަންދެން މި މައްސަލަ އަޅާނުލާ ދޫކޮށްލާފައި އޮތުންކަމަށެވެ. އަދި ސަރުކާރުން މި ފެށި ކެމްޕެއިންގެ ޒަރިއްޔާއިން، ވަކި ފަރުދެއް ދޫނުކޮށް އެހީތެރިކަންދީ ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނަފްސާނީ ސިއްޙަތަށް ހޭލުންތެރިކުރުމުގެ ކެމްޕެއިންއަކީ ނަފްސާނީ ބަލިތަކަށް މީހުން ހުށައެޅޭ ހިރާސްތައް ދެނެގަނެ އެކަންކަން މަދުކުރުމަށް މުޖުތަމަޢު ހޭލްތެރިކުރުމަށް ކުރިއަށްގެންދާ ޤައުމީ ކެމްޕެއިނެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް