އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް( އެފްއެސްއެމް )ގެ ފްލީޓަށް ބޮޑު ބޯޓެއް އިތުރުކޮށް އޮޕަރޭޝަނަށް ނެރެފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތެޔޮ އުފުލަން ބޭނުން ކުރުމަށް އެފްއެސްއެމް އިން އިތުރުކުރީ "އެމްޓީ އަލިހުރަސް" ނަމަކަށް ކިޔާ ބޯޓެކެވެ. މި ބޯޓުން 8.5 މިލިއަން ލީޓަރުގެ ތެޔޮ އުފުލޭނެ އެވެ. މިއީ މީގެ ކުރިން އެސްޓީއޯއިން ތެޔޮ އެތެރެކުރަން ބޭނުން ކުރަމުން އައި ބޯޓެކެވެ.
އެމްޓީ އަލިހުރަސް ބޯޓު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ތެޔޮ އުފުލުމަށެވެ. އެގޮތުން މި ބޯޓުން ފުރަތަމަ ފަހަރަށް ތެޔޮ ސަޕްލައި ކޮށްފައިވަނީ ތިނަދޫ ބޭރުގައި އޮވެ ތިނަދޫއަށް ތެޔޮ ސަޕްލައި ކުރާ ބާޖެއް ކަމުގައިވާ "ލަނޑާ" އަށެވެ. ބޯޓުގެ ފުރަތަމަ އޮޕަރޭޝަން ފައްޓަވައި ދެއްވީ އެކުންފުނީގެ މޭޖިންގް ޑިރެކްޓަރ މުހައްމަދު ގަސަމް އާއި އެކުންފުނީގެ މެނޭޖްމެންޓުގެ ދެފަރާތެއް ކަމުގައިވާ އާދަމް ޔޫސުފް އަދި ފާތިމަތު ޝައިލާ އެވެ.
މި ބޯޓާ އެކު އެފްއެސްއެމްގެ ތެޔޮ އުފުލުމުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ. އަލަށް އެފްއެސްއެމްއަށް ގެނައި ބޯޓާ އެކު އެފްއެސްއެމްގެ ތެޔޮ އުފުލުމުގެ ކެޕޭސިޓީ 13.5 މިލިއަން ލީޓަރަށް އިތުރުވީ އެވެ. އެމްޓީ އަލިހުރަސްގެ އިތުރުން އެފެއެސްއެމްގެ ފްލީޓުގައި ބޮޑު 4 ބޯޓު މިވަގުތުވެސް އޮޕަރޭޝަނުގައި އެބައޮތެވެ.
މިހާރު އެފްއެސްއެމް އިން އަތޮޅު ތެރޭގައި ތެޔޮ އުފުލުމަށް 18 ބާޖު ބޭނުން ކުރެ އެވެ. ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ތެޔޮ އުފުލަން ބޭނުން ކުރުމަށް ހަތަރު ބާޖު ވެސް އިތުރުވާނެ ކަމަށާއި މިސްރުގައި ބަންނަމުން އަންނަ މިއިން ކޮންމެ ބާޖަކުން ވެސް 220،000 ލީޓަރުގެ ތެޔޮ އުފުލޭނެ ކަމަށް އެފްއެސްއެމްއިން މައުލޫމާތުދެއެވެ.
އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏަކީ ފިއުލް ސަޕްލައި މޯލްޑިވްސް ( އެފްއެސްއެމް ) އެވެ.