
ވިލިނގިލީ ހޮސްޕިޓަލުގައި ވެކްސިން ދޭނީ މާދަމާ
# ކޮވިޑް19# ކޮވިޑް ވެކްސިން# ގއ. އަތޮޅު ހޮސްޕިޓަލް# ވިލިނގިލީ ހޮސްޕިޓަލްގއ. އަތޮޅު ހޮސްޕިޓަލް
ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ކޮވިޑް ވެކްސިން ޖަހަން މިއަދު ފެށި ނަމަވެސް ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައި ވެކްސިން ޖަހަން ފެށޭނީ މާދަމާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

"ގާފު" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ މެނޭޖަރ، ޝަރީފް އަހުމަދު ވިދާޅުވީ މިއަދު ފޮނުވަން އުޅުނު ވެކްސިންގެ ކާގޯ ޝިޕްމަންޓް ޑިލޭ ވުމާ ގުޅިގެން އެ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދެވޭނީ މާދަމާ ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި މިއަދު ގެނައުމަށް ހަމަޖެހިފައި އޮތީ ހަމަ އެކަނި އެހޮސްޕިޓަލުގެ 125 މުވައްޒަފުންނަށް ބޭނުންވާ ވެކްސިން ކަމަށެވެ. ނަމަވެސް އެ ކާގޯ ޝިޕްމަންޓު ޑިލޭ ވުމާ ގުޅިގެން ދެން ވެކްސިން އަންނަ އިރު ލިބޭނީ މުޅި އަތޮޅަށް ބޭނުންވާ ވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ބެލެވޭ ގޮތުގަ މިއަދު ހަވީރު ނުވަތަ މާދަމާ ހެނދުނަށް ވެކްސިން ލިބޭނީ. އެހެންކަމުން ވެކްސިން ދޭން ފެށޭނީ މާދަމާ" ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ދެމުން އަންނަނީ އޮކްސްފޯޑް ޔުނިވަސިޓީން އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ދޭން ޖެހެނީ 2 ޑޯޒަށެވެ. އެގޮތުން ފުރަތަމަ ޑޯޒް ޖެހުމުގެ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒެއް ޖަހަން ޖެހެއެވެ.
ގއ. އަތޮޅުގައި ސިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި 294 މުވައްޒަފަކު ހަރަކާތްތެރިވެއެވެ. އެހެން ކަމުން އެ އަތޮޅަށް ގެންނާނެ ކަމަށް ބެލެވެނީ 588 ވެކްސިން ޑޯޒެވެ. ޝަރީފް ވިދާޅުވި ގޮތުގައި އަތޮޅުގެ ރަށްރަށަށް ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސީ އެމްބިއުލާންސްގައި އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ޖަހާނީ ފުރަތަމަ ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންނާއި ފްރޮންޓްލައިން މުވައްޒަފުންނަށެވެ. އެގޮތުން މާލެއާއި ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ވޭތުވެދިޔަ 2 ދުވަހު ވަނީ ވެކްސިން ދޭން ފަށާފައެވެ. އަދި މިއަދުން ފެށިގެން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ. އަދި މާދަމާއިން ފެށިގެން އަތޮޅުތަކުގެ ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާނެ އެވެ.
ގުޅުންހުރި

ވިލިނގިލީ ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

މިދިޔަ ހަފްތާ ކޮވިޑަށް ފައްސިވީ 394 މީހުން

ކޮވިޑަށް ފައްސިވާ ކުޑަކުދިންގެ މިންވަރު އިތުރުވެ، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ
