އެމްއެސްއެސްގެ ކާގޯ ފެރީ ތިނަދޫގައި ބަނދަރުކޮށްފި

އެމްއެސްއެސް ގެ ކާގޯ ފެރީ ތިނަދޫ ބޭރުގައި ބަދަރުކޮޮށްފައި :- ގާފު ފޮޓޯ : އަހުމަދު ޝުރާއު

އިންޑިއާ އިން ކަނޑުމަގުން މުދާ ގެންނަން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ފަށާފައިވާ މަސައްކަތުގެ ދަށުން މުދަލާއެކު ހުވަދު އަތޮޅަށް ފުރަތަމަ ކާގޯ ފެރީ ބަނދަރުކޮށްފި އެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އައްޑޫ އަތޮޅުގައި ބަނދަރުކުރުމަށްފަހު މޯލްޑިވްސް ސްޓޭޓް ޝިޕިން ގެ "އެމްވީ ބޮންތި 2″ ހުވަދު އަތޮޅުގައި ބަނދަރުކުރީ ގދ ތިނަދޫ ބޭރުގައި މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މި ބޯޓުގެ ތިނަދޫއަށް ކުރާ ފުރަތަމަ ދަތުރު ފާހަގަކުރުމަށްޓަކައި މިއަދު ހަވީރު އެކަން ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެކަން ފާހަގަކުރުމަށްޓަކައި މިއަދު ހަވީރު 16:30 ގައި ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި އެސްޓީއޯގެ ޗެއާމަންއާއި އެމްޑީ އަދި އެމްޓީސީސީއާއި އެމްޕީއެލްގެ ވެރިންވެސް ބައިވެރިވެޑައިގަންނަވާނެ އެވެ.

އެމްއެސްއެސް ގެ ކާގޯ ފެރީ ތިނަދޫ ބޭރުގައި ބަދަރުކޮޮށްފައި :- ގާފު ފޮޓޯ : އަހުމަދު ޝުރާއު

އެ ރަސްމިއްޔާތުގައި ގދ. ތިނަދޫގައި ސަރަހައްދީ ބަނދަރު ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއީ 12.6 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީއާ އެވެ.

ރާއްޖޭގެ ގައުމީ ޝިޕިން ލައިން، އެމްއެސްއެސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެސްޓީއޯގެ 99.9 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ އެ ކުންފުނީގެ މަގްސަދަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް އަގު ހެޔޮ ކޮށް ގެނެވޭނެ މަގު ފަހިކުރުމެވެ.

 

ކޮމެންޓް

One Response

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް