logoEN
ޕީއެންސީ 2
ރަޝީދާ މިސް، ތިނަދޫ ފަސްގަނޑަށް އުފަންވި އަގުހުރި ދަރިއެއް!

ރަޝީދާ މިސް، ތިނަދޫ ފަސްގަނޑަށް އުފަންވި އަގުހުރި ދަރިއެއް!

ގާފު އެޑިޓޯރިއަލް

logo

12/13/2020, 11:37:39 AM

2

އިބްރާޙިމް ރަޝީދު، ފިޔާތޮށިގެ، ގ.ހަވަރުތިނަދޫ ، އާންމުކޮށް ކިޔާ އުޅޭ ނަމުންނަމަ، (އާދަމް ބެއްޔާގެ ކަލޯ) އާއި ފާތުމަތު މޫސާ، ޗާންދަނީގެ، ގ. ހަވަރުތިނަދޫ އާންމު ނަމުން ނަމަ ފާތުމާ މަނިކެ އަށް އުފަން އަލްފާޟިލާ ރަޝީދާ އިބްރާޙިމް، އާރު، ގދ. ތިނަދޫ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ ހިޖްރީ ސަނަތުން ހާހާ ތިންސަތޭކަ ފަސްދޮޅަސް ނުވަ ވަނަ އަހަރުގެ ޝައްވާލުމަހުގެ 24، އަދި މީލާދީ ސަނަތުން 1950 ވަނަ އަހަރުގެ އޮގަސްޓް 8 ވީ ބުދަ ދުވަހުއެވެ. ކުޑައިރުއްސުރެ ރަޝީދާގެ އެންމެ ގާތް އެކުވެރިޔާ އަކީ ފޮތްތައް ކަމުގައި ވެފައިވެއެވެ. ތާރީޚާ ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތްތައް ކިޔުމަށް ޚާއްސަ ޝައުޤުވެރިކަމެއް ހުރެއެވެ. ހިތްހެޔޮ އަދި ޚުލްޤު ހެޔޮ މިޒާޖެއްގެ ވެރި ރަޝީދާ އަކީ ބައްދަލުވާ ކޮންމެ މީހަކާ ހިނިތުންވުމާއެކު މުޚާތަބުކުރާ ތިނަދޫގެ ކުދިބޮޑު ވަރަށް ގިނަ މީހުން ދަންނަ ތިނަދޫއަށް ނިސްބަތްވާ އެތަކެއް ދަރީންތަކެއްގެ ދިވެހި މުދައްރިސާވެސް މެއެވެ. އެކަމަނާ އަކީ ކުޅަދާނަ ޝާއިރެއްވެސްމެއެވެ. 04 ކައިވެނިކޮށް، ހުވަފަތްވެ، ލިބިފައިވާ 01 އަންހެން ދަރިކަނބަލަކާއި 7 ފިރިހެން ބޭފުޅުން، ބަލައި ބޮޑުކުރުމުގެ ޒިންމާ އެންމެ ފުރިހަމަޔަށް އަދާކޮށް، 6 މާމަ ދަރިން ދުށުމުގެ ނަސީބު ލިބިފައިވާކަމީ މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި އެކަމަނާ ސިފަކުރައްވައެވެ.

ޝަރީ 2024

ޅަފަތުގެ ދައުރު:

ކުޑައިރުއްސުރެ ތަޙައްމަލްކުރަންޖެހުނު އެންމެ ބޮޑު ހިތާމައަކަށް ކުރިމަތިވީ އެންމެ މަޤްބޫލު ޝަޚްސިއްޔަތު، އެންމެ އޯގާތެރި އަދި އެންމެ ލޯބިވާ ބައްޕަޔާއި ދުރުގައި ދިރިއުޅެން ވޭތުކުރަންޖެހުމެވެ. ހުވަދު އަތޮޅުގެ ގިނަބަޔަކު ދިވެހި ސަރުކާރު ދެކި ހިތްހަމަ ނުޖެހިގެން އުޅުނު ދުވަސްވަރެއްގައި ހުވަދު އަތޮޅު އަތޮޅުވެރިޔަކަށް ހުންނެވި ބޭފުޅެއްގެ ޝަކުވާ ތިނަދޫ އިން ސަރުކާރަށް ފޮނުވި ސިޓީ ލިޔުއްވީ އިބްރާޙިމް ރަޝީދަށް ވެފައި އަދި އެއިރު އަތޮޅު އޮފީހުގެ ސެކްރެޓެރީ އަކަށް އުޅުއްވީ އިބްރާޙިމް ރަޝީދަށް ވުމާގުޅިގެން، އެއީ ކުށެއްކަމަށް ކަނޑައަޅައި، ކޮޅުނބުގައި ހުންނަވަނިކޮށް ލަންކާގެ ސިފައިން މެދުވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން އިބްރާޙިމް ރަޝީދު ހައްޔަރު ކޮށް ބ. ފެހެންދުއަށް އަރުވާލެވުނެވެ. ރަޝީދާގެ އުމުރުފުޅުން 2 އަހަރު ފުރުނުތަނާ މަންމާފުޅު ދެމިއޮތިމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. މަންމަގެ ފަރާތު ކާފަ މޫސާ ހިރިހަމައިތި ކަލޭފާނަކީ ތިނަދޫގައި ދިރިއުޅުއްވި ތަނަވަސް މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅަކަށް ވާތީ ރަޝީދާ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ނެންގެވިއެވެ. ރަށުތެރެއިން ކިރުމައިން ހޯއްދަވައިގެން ކިރުފޮދުއެރުއްވިއެވެ.

ބައްޕާފުޅު އަރުވާލައްވާފައި ހުންނެވުމަށްފަހު މިނިވަންވެވަޑައިގެން ތިނަދޫ އަށް ވަޑައިގެންނެވި ތަނާހެން މުޅި ދިރިއުޅުން ވިއްސި ވިހާލިކޮށްލި، ދިރިއުޅުމުގައި ދިމާވި އެންމެ ހިތްދަތި ހާދިސާ އުމުރުން 10 އަހަރުގައި 1962 ވަނަ އަހަރު ކުރިމަތިވިއެވެ. ހުވަދޫ ބަޢާވާތާ ގުޅިގެން ތިނަދޫއިން މީހުން ބާލައި މުޅިރަށް އެކީ ފަޅުރަށަކަށް ބަދަލުކޮށްލި ލާއިންސާނީ ހާދިސާ އާއި ކުރިމަތިލާންޖެހުނީ ހިތްދަތިކަމާއި، ވޭނުން ފުރިގެންވާ ހިތަކާ އެކީގައެވެ. އެހިތި ހަދާންތަކުން ހިތުގައި ހެދިފައިވާ ފާރުތައް ތަޒާކަމާއެކު އަދިވެސް އެބަހުއްޓެވެ. މިއަދުވެސް އެހަނދާންތައް އާވުމުން ލޮލުން ކަރުނައައިސް ފެންކަޅިވެއެވެ. މިހާދިސާއާއި ގުޅިގެން ޅަފަތުގެ ދައުރު ހޭދަކުރަން ޖެހުނީ އަމިއްލަ ވަޒަނުން ބޭރުކޮށްލެވިފައިވާ ރެފިއުޖީއެއްގެ ގޮތުގައެވެ. ހުވަދޫ ބަޣާވާތާ ގުޅިގެން ދެވަނަފަހަރަށް އެއްވެސް ކުށެއް ނެތް، އެންމެ ލޯބިވާ ބައްޕާފުޅު، ކުށްވެރިޔެއްގެ ގޮތުގައި ކަސްތޮޅު އެޅުވި ޖަލުގެ ތޭރިތަކުގެތެރޭގައި ބަންދުވެ ނިކަމެތި ހާލުގައި އުޅއްވަންޖެހިވަޑައިގަތެވެ. މިގޮތުން ދެވަނަ ފަހަރަށް ބައްޕާފުޅު ހައްޔަރު ކުރެވުނުއިރު، މަޖީދިއްޔާ އަދި އަމީނިއްޔާ އަށް ކިޔަވައިދެއްވަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ބައްޕާފުޅު ނިޔާވީ، ޖަލުގައި ހިތްދަތި ދުވަސްތަކެއް ގުނުމަށްފަހު، ޖަލުން މިނިވަންވެގެން ދަތުރުކުރައްވަމުން ގެންދަވަނިކޮށް ކަނޑުމަތީގައެވެ.

ތަޢުލީމީ ޙަޔާތް:

ރަޝީދާ އިބްރާޙިމްގެ ތަޢުލީމީ ޙަޔާތް ފެށިގެން އައިސްފައިވަނީ އެދުރުގެއިންނެވެ. އެއަށްފަހު މަކްތަބުގައި ކިޔެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ.. އެއަށްފަހު ފަން މަދްރަސާގައި ކިޔެވުމުގެ މަގު ފަހިވިއެވެ. ރަށުން މީހުން ބޭލުމުގެ ހާދިސާ ކުރިމަތިލާންެހުނުއިރު، ރަޝީދާ އިބްރާޙިމް އައީ 02 ވަނަ ކްލާހުގައި ކިޔަވަމުންނެވެ. އެއަށްފަހު މާލޭގެ އާލިޔާ ސްކޫލުގެ ޚާއްސަ ކުލާހުގައި ލިޔަންކިޔަން ދަސްކުރުމުގެ ކްލާހުގައި ބައިވެރިވެ ތަޢުލީމް ހާޞިލް ކުރެއްވިއެވެ. ރަށުން ބޭލުމަށްފަހު ދިރިއުޅުން ދެން ބަދަލުވީ ހދ.ނޮޅިވަރަންފަރަށެވެ. ދެން އެއަށްފަހު ބަދަލުވީ ބ. އަތޮޅު ގޮއިދޫ އަށެވެ. ގޮއިދޫގައި ދިރިއުޅެންޖެހުނީ ވަރަށް އުނދަގޫ ހާލުގައެވެ. ނަމަވެސް ކިޔެވުމަށް އަބަދުވެސް ޝައުޤުވެރިކަން ހުންނަ ރަޝީދާ ތަފާތު ފޮތްތަށް ކިޔަވައި ހެއްދެވިއެވެ. މިގޮތުން އިނގިރޭސި ދަސްކުރުމަށް "ދަ އޮކްސްފޯރޑް އިންގްލިޝް ފޯރ ސިލޯން" ފޮތުން އިނގިރޭސި ބަހާއި އެބަހުގެ ދިވެހި މާނަ އަންބާއެއް ހެން ކިޔައި ހިތުދަސްކުރި ކުރުން މިހާރުވެސް ހަނދާން އެބަހުއްޓެވެ." އަ މޭން، މީހެއް، އަ ޕޭން، މަސްތެލުލާ ތެއްޔެއް، ގުޑް މޯރނިންގ ޗިލްޑްރެން، ކުދިންނޭ ހެނދުނުގެ ސަލާމް،". މިއީ އެގޮތުން ދަސްކޮށްފައިވާ ތަކެއްޗެވެ.

ފުރަތަމަ ޅެމެއް ހެއްދެވީ ގޮއިދޫގައި އުޅުނު ދުވަސްވަރުއެވެ. މިގޮތުން ފުރަތަމަ ޅެން ހެއްދެވުމަށްފަހު އަޙްމަދު ހަމީދު ފަހުމީ ދީދީ ކިޔާ ބޭފުޅަކަށް ޅެން ދެއްކުމުން ޅެމުގެ ފުރިހިމަކަމަށް ތަޢުރީފް ކުރައްވައި ތިޔައީ ހުރިގޮތައް ހުރި ޝާއިރެއްކަމަށް ވިދާޅުވުމުން ޅެންހެދުމަށް އުފެދުނު ޝަޢުޤުވެރިކަން އިތުރުވެ މިދާއިރާއިން ކުރިއަށްދާން އަޒުމް ކަނޑައެޅުމުގެ ސަބަބަކަށް ވެގެން ދިޔައެވެ. ރަޝީދާއަށް ޅެން ހައްދަވަން ދަސްކޮށްދެއްވި އެއްފަރާތް ކަމުގައި އަޙްމަދު ޙަމީދު ފަހުމީ ހިމެނިވަޑައިގަންނަވައެވެ.

ޢަމަލީ މައިދާން އަދި ވަޒީފާގެ ތަޖްރިބާ:

ތިނަދޫގެ ލޮބުވެތި ދަރިންނަށް ތަޢުލީމު އުގަންނައި ދިނުމުގެ އަގު ނުކުރެވޭ މާތް މަސައްކަތް 29 އަހަރުވަންދެން ރަޝީދާ އިބްރާޙިމް އަދާކުރައްވާފައިވެއެވެ. މިގޮތުން 1982 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުންފެށިގެން 2011 ވަނަ އަހަރާއި ހަމަޔަށް ތިނަދޫގެ އެތަކެއް ސަތޭކަ ދަރިވަރުންގެ ތަޢުލީމު އުގަންނައިދިނުމުގެ ބުރަ މަސްޢޫލިއްޔަތު މެދުކެނޑުމެއްނެތި، ޒިންމާދާރުކަމާއެކީ ނެންގެވިއެވެ. ރަޝީދާ އިބްރާޙިމްގެ އަދަބީ މަސައްކަތް އެއްވެސް ކަހަލަ އަގަކާ ނުލައި ކިޔަވާކުދިންނާއި މުޖުތަމަޢުގެ އެހެނިހެން ފަރުދުންނަށް ކޮށްދީފައިވެއެވެ. މިގޮތުން އިންޓަރ ސްކޫލް ލަވަ މުބާރާތުގައި ގދ. އަތޮޅުތަޢުލީމީ މަރުކަޒުން ބައިވެރިވާ ދަރިވަރުންނަށާއި، މާލޭގެ ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންނަށް އެއްވެސްކަހަލަ ފައިސާއެއް ނުނަގައި ލަވަހައްދަވައި ދެއްވިއެވެ. ތަފާތު އެކި އެކި ދިވެހި މުނާސަބަތުތަކަށް ދަރިވަރުން ވާހަކަ ދެއްކުމަށް ތައްޔާރުކުރުމާއި، ޑްރާމާ ފަދަ ތަކެތި ސްކޫލްތަކަށް ހައްދަވައިދެއްވައެވެ. ފަތްތޫރަ ފަދަ މަޖައްލާތަކަށްވެސް ރަޝީދާ އިބްރާޙިމް ޅެމާއި މަޒްމޫނު ލިޔުއްވާފައިވެއެވެ. ދިވެހި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އިންތިޒާމް ކޮށްގެން ރާވައިގެން ހިންގުނު ތަފާތު އަދަބީ މުބާރާތް ތަކުގައި ބައިވެރިވެ އެއްވަނަ އަދި ދެވަނަވެސް ޙާޞިލް ކުރައްވާފައިވެއެވެ. ޓެލެވިޜަން މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ހިންގާފައިވާ ތަފާތު އެކި އަދަބީ މުބާރާތްތަކުގައި ބައިވެރިވެ، ވިދިވިދިގެން ދެފަހަރު އެއްވަނަ ހާޞިލް ކުރެއްވިއެވެ. މީގެ އިތުރުންވެސް ބައިވެރިވެލެއްވި ކޮންމެ މުބާރާތަކުން ވަނައެއް ހާޞިލް ކުރައްވައެވެ. ސްކޫލުގައި ވަޒީފާ އަދާ ނުކުރެއްވިކަމުގައި ވިޔަސް، ތަޢުލީމީ ދާއިރާ އަށާއި، ސްކޫލުތަކަށް އެހީތެރިވުމަކީ ރަޝީދާ އަށް ލިބިލައްވާ އުފަލަކާއި ހިންހަމަޖެހުމެއްގެ ގޮތުގައި ފާހަގަ ކުރައްވައެވެ. މީގެ އިތުރުން ރަށުގައި ހިންގޭ އެކިކަހަލަ އިޖުތިމާޢީ ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމަކީ ރަޝީދާ އިބްރާޙިމް ވަރަށް ކުރާހިތްވާ ކަމެކެވެ. މިގޮތުން އަންހެނުންގެ ކޮމީޓެގެ މެމްބަރުކަން، ރަށް ކުރިއަރުވާ ކޮމިޓީގެ މެމްބަރުކަމުގެ އިތުރުން އަންހެނުންގެ ކޮމިޓީގެ ރައީސާކަން ރަޝީދާ އިބްރާޙިމް އަދާކޮށްފައިވެއެވެ.

undefined

މިއަދު ވަޒީފާއިން މުސްކުޅިވެ ވަޑައިގެން ހުންނެވި ކަމުގައިވީނަމަވެސް އެތަކެއް ދަރިވަރުންނެއްގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި، ތިނަދޫ ފަޚުރުވެރިވާ އަންހެން ދަރިޔަކުކަމުގައި ރަޝީދާ އިބްރާޙިމް ވެވަޑައިގަންނަވައެވެ. ރަޝީދާ އިބްރާޙީމްގެ ދިވެހި ބަހުން ލިޔެ ޝާއިޢުކުރެވިފައިވާ ފޮތްތަކެއް ނެރެފައި ނުވިކަމުގައިވިޔަސް، ދިވެހި އަދަބިއްޔާތަށް ދިވެހި ރައްޔިތަކަށް ކޮށްދެވޭނޭ އެންމެހާ ގިނަގުނަ މިންނެތް މަސައްކަތާއި، ޚިދުމަތް އަދާކޮށްފައިވެއެވެ. ކިޔެވުމަކީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ކުރަންޖެހޭކަމެއްކަމަށް ޤަބޫލުކުރާ ރަޝީދާ އިބްރާޙިމް ވަރަށް ފަހުން މޯލްޑިވްސް ޔުނިވަރސިޓީއިން ހިންގި ޢަރަބި ކޯހެއް ވަނީ ހައްދަވާފައެވެ. ތެދެކެވެ. ކިޔެވުމަކީ ވަކި އުމުރަކަށް އޮތްކަމެއް ނޫނެވެ. މިމޮޓޯ ގެންގުޅުއްވާ ރަޝީދާ އިބްރާޙިމް އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިދިވެހި މުޖުތަމަޢު މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވެ މިނިވަންވާނެ ދުވަހެކެވެ. ރަޝީދާ އިބްރާޙިމްގެ އިލްތިމާސަކީ ދިރިއުޅުމުގައި ދިމާވާ އެންމެހާ ހުރަސްތަކާއި ކުރިމަތިލައި، ދިރިއުޅުމުގައި ކުރިޔަށްދާ ޒިންމާދާރު ބަޔަކަށް ދިވެހި ޒުވާނުން ވުމަށެވެ.

ނޯޓް: މި ބަޔޯގްރަފީ އަކީ އަލްފާޟިލާ ރަޝީދާ އިބްރާޙިމް އާއި އިންޓަވިއުކޮށް، މައުލޫމާތު ހޯދައިގެން ލިޔެފައިވާ ލިޔުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ