އެއާ އިންޑިއާގެ މަތިންދާބޯޓަކާއި، ނޭޕާލް އެއާލައިންގެ މަތިންދާބޯޓެއް ވައިގެތެރޭގެ ބޮޑު ހާދިސާއަކުން ސަލާމަތްވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހުކުރު ދުވަހު ހެނދުނު، ނޭޕާލް އެއާލައިންގެ Airbus A-320 ދަތުރުކުރަމުން ދިޔައީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށެވެ. އަދި އެއާއިންޑިއާގެ މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އިން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އަށެވެ.
19000 ފޫޓު މަތިން ދަތުރުކުރަމުން ދިޔަ އެއާއިންޑިއާބޯޓު ތިރިކުރަންފެށިވަގުތު، ނޭޕާލް އެއާލައިންގެ ބޯޓުވެސް ދަތުރުކުރަމުން ދިޔައީވެސް އެވަގުތު އެސަރަހައްދުން 15000 ފޫޓު މަތިންނެވެ. ނަމަވެސް ބޯޓުގެ ރާޑަރަށް ދެއްކުމާއެކު ނޭޕާލް އެއާލައިންގެ މަތިންދާބޯޓު ވަނީ އެވަގުތު 7،000 ފޫޓަށް ތިރިކޮށްފައެވެ.
ސިވިލްއޭވިއޭޝަން އޮތޯރިޓީ އޮފް ނޭޕާލް (CAAN) އިން ވަނީ އެއާޓްރެފިކް ކޮންޓްރޯލް ޑިޕާޓްމަންޓުގެ 2 މުވައްޒަފަކު ސަސްޕެންޑްކޮށްފައެވެ. އެއިދާރާއިން ވަނީ ތިން މެމްބަރުންގެ މައްޗަށް ހިމެނޭ ހާއްސަ ކޮމެޓީއެއް އުފައްދަވައި އެ މައްސަލަ ވަގުތުން ތަހުގީގުކުރަން ފަށާފައެވެ.
މި މައްސަލައާ ގުޅިގެން ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އެއާ އިންޑިއާގެ ޕައިލެޓް ކްރޫވެސް ސަސްޕެންޑްކޮށް، އިންޑިއާގެ ސިވިލްއޭވިއޭޝަނަށް މި މައްސަލައިގައި ނިންމި ނިންމުން ފޮނުވާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެއާއިންޑިއާގެ ޕައިލެޓުން ވަނީ އެއީ އެމީހުންގެ މައްސަލައެއް ކަމަށް ގަބޫލުކޮށް އެކަމަށް މާފަށްވެސް އެދިފައެވެ.