
ali-nizar-e1618812268854
އަތޮޅުތަކުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭނީ ޓެކްސް ބޮޑުކޮށްގެން ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދުގެ 80 އިންސައްތަ މާލެ ސަރަހައްދުގައި ގާއިމުވެފައިވާއިރު އަތޮޅުތަކުގެ ތަރައްގީއަށް ޓެކްސް އަކީ މުހިންމު އާމްދަނނީއެއް ކަމަށެވެ. އަދި ޓެކްސް އިތުރު ކުރަނީ ތަރައްްގީއަށް ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.
ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށް ވަނި ހުށަހަޅުއްވާފައެވެ.
ޓެކްސް ބޮޑުކުރުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލީ އިދާރާތަކުގެ ލަފަ އާއި މަޝްވަރާގެ ވެސް މަތިން ޓެކްސްތައް ބޮޑުކުރަން ނިންމި އިރު، ރާއްޖޭގައި ޖީއެސްޓީ އާއި އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކާ އަޅާބަލާ އިރު ނިސްބަތިން ދަށްކޮށެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



