
Ff2DGMEaUAAYy8N
އޫރިދޫ އިން މިއަދު ތަޢާރަފުކުރި ވަރޗުއަލް އެސިސްޓެންޓް "އެވީ" ތަޢާރަފުވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެނަވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިއަދު އޫރިދޫއިން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ދިވެހި ބަހުން ވާހަކަދައްކާ މުޚާތަބުކޮށް ދިވެހިންނަށް ބޭނުންްވާ ޚިދުމަތްތައް ދިނުމުގެ އެހީތެރިއެއްގެ ގޮތުގައި "އެވީ" ތަޢާރަފު ވުމަކީ ދިވެހިރާއްޖެ މިސްރާބުޖަހަމުން މިދާ ޖަރނީގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްް ކަމަށެވެ.
ޓެކްނޮލޮޖީ ދާއިރާ ކުރިއަރުވަން އާޓިފިޝަލް އިންޓެލިޖެންސަކީ މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ އުރީދޫ އިން ތައާރަފުކުރި ޚިދުމަތަކީ ދާއިރާ ކުރިއެރުވުމަށް ވެސް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ އިނގޭ އާޓިފިޝަލް އިންޓެލިޖެންސް އަޅުގަނޑުމެން މި ކުރާ މަސައްކަތަށް އިތުރު ހިތްވަރަކަށް ވާނެކަން. އަދި ދާއިރާގެ ތަރައްގީ އިތުރަށް ފުޅާވެގެން ދިއުމުގައި އޭއައި އަކީ އަޅުގަނޑުމެންނަށް ބޭނުން ކުރަން މިއަަދު މަޖުބޫރު ވެފައިވާ ކަމެއް" - މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
"އެވީ" މެދުވެރިކޮށް، ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، މިހާރަށް ވުރެ ހުރިހާ އުމުރުފުރައެއްގެ އެކިކަހަލަ ކަސްޓަމަރުންނަށްވެސް ހިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ އެހީގައި ލުއިގޮތްތައް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫގެ ޑިޖިޓަލް އެސިސްޓެންޓް، އެވީ މެދުވެރިކޮށް މޯބައިލް ކަސްޓަމަރުންނަށް ކަސްޓަމަރ ކެއާ އެޖެންޓަކާ ވާހަކަ ދެއްކުމަށް ކޯލްގައި ވަގުތު ހޭދަ ނުކޮށް ޑޭޓާ އާއި އެސްއެމްއެސް އާއި ވޮއިސް އަދި ބިލް ބެލެންސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
929 އައިވީއާރު، ފޭސްބުކް މެސެންޖާ އަދި ވައިބާ ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމަށް މިހާރު ހުޅުވަލާފައިވާއިރު، އެހެން ބޮޓުތަކެކޭ އެއްފަދައިން އެވީވެސް މިވަގުތު ހުރީ ދިވެހި ބަހުން ކަސްޓަމަރުންނާ މުއާމަލާތްކުރުމުގެ އުނގެނުމުގެ މަރުހަލާގައި ކަމަށް އުރީދޫ އިން ބުންޏެވެ. މެޝިން ލަރނިންގ މެދުވެރިކޮށް އެވީ ހިދުމަތް އިތުރަށް ރަނގަޅުކޮށް ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.
ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޑިޖިޓަލް ކެއަރ އެސިސްޓެންޓް "އެވީ" އަށް އިތުރަށް އިންވެސްޓްކޮށް، ޚިދުމަތް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ޗެނަލްތަކުގައި ކަސްޓަމަރުންގެ މެދުގައި އޮންނަ މުއާމަލާތްތައް ބަދަލުކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށާއި އެވީ ބޭނުންކޮށްގެން އުރީދޫއިން ކަސްޓަމަރުން ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތާއި ހިދުމަތްތައް ފޯރުކޮށްދިނުން އޮޓޮމޭޓްކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަލުވި ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް އުރީދޫ އިން ދެއެވެ.












