
l_2022_04_29_070410_fy4b5irjq6aeg72p3thczolw81kdsmnxuv9_EN_
ގަވާއިދާ ޚިލާފަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލް (އެޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން 200 އެއްހާ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފައިވަނިކޮށް، 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެ ކޯޓުން މިގޮތަށް އަމުކުރީ ވެހިކަލްތަކުގެ ވެރިފަރާތުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެހެންނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ. އެ މިނިސްޓްރީން ވިދާޅުވީ އެ އުޅަނދުތަކަކީ ރަޖިސްޓްރީވެފައިވާ އުޅަދުތަކެއްގެ ގޮތުގައި ވެސް ބަލައިނުގަންނަ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން ބެލި ބެލުމުން، އެ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ބޭނުންކޮށްފައި ވަނީ ފޯޖްކޮށްފައިވާ ޑޮކިއުމަންޓެއް ކަން ހާމަވާ ކަމަށެވެ.
އެއީ މިނިސްޓްރީން ތައްޔާރުކޮށް ރަޖިސްޓްރީކޮށްދީފައިވާ ރަޖިސްޓްރީތަކެއް ނޫން ކަމަށާއި، އެއީ މިނިސްޓްރީން ގެންގުޅޭ ޓެމްޕްލޭޓު ފޯޖްކޮށްގެން ހަދާފައިވާ ވަގު ލިޔެކިޔުންތަކެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެހެންްކަމުން ވެހިކަލްތަކަކީ އެއްވެސް ގޮތަކަށް އެއްވެސް ތަނެއްގައި ރަޖިސްޓަރ ވެފައި ހުރި އުޅަނދުތަކެއްގެ ގޮތުގައި ބަލައި ނުގަންނަ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވީ މިހާރު ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ވަގު ލިޔެކިޔުންތައް ހެދުމާއި އެކަމުގައި ބައިވެރިވާ މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްްރީން ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވީ، މިކަމުގައި ގެންގުޅެނީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ސިޔާސަތު ކަމަށެވެ. މިފަދަ އަމަލުތަކަކީ ކޮރަޕްޝަން މެދުވެރިކޮށް ހިންގާ އަމަލުތަކެއް ކަމަށާއި، މިކަންކަން ހުއްޓުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ މިގޮތަށް ލިޔެކިޔުން ހަދައިގެން ގެންގުޅޭ އެއްވެސް އުޅަނދަކަށް މިހާރު ޖާގަ ނެތް ކަމަށެވެ.
ރާއްޖޭގައި އެއްގަމު އުޅަނދުތައް ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީކުރާ މައްސަލަ ބޮޑުވެފައިވަނިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ އެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއް ގަރާޖަކަށް އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ އެކަންކަން ހައްލުކޮށް، ޤަވާއިދާއި ޚިލާފުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ދާދި ފަހުން ވަނީ ޤަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރާ މައްސަލާގައި ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.
















