
Screenshot 2022-10-02 at 13.17.30
ރާއްޖޭގެ ސިވިލް އޭވިއޭޝަން މެނޭޖްމަންޓް ޚިދުމަތްތަކަށް އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އިންޓަރނޭޝަނަލް ސިވިލް އޭވިއެޝަން އޯގަނައިޒޭޝަން (އައިކާއޯ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ކުރައްވާ ދަތުރުފުޅުގައެވެ. މިއެއްބަސްވުމުގައި ރާއްޖެއިން މިނިސްޓަރ ނަހުލާ ސޮއިކުރައްވާފައިވާއިރު އައިކާއޯއިން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ޖުއަން ކާރލޮސް ސަލަރޒަރއެވެ.
Minister @aishath_nahula and Secretary General of @icao , @JCS_ICAO signed the Management Service Agreement between the Maldives Civil Aviation Authority (MCAA) and International Civil Aviation Organization (ICAO). pic.twitter.com/Lqki6VJu4Q
— Ministry of Transport and Civil Aviation (@MoTCAmv) September 30, 2022
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އައިކާއޯގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މި ޚިދުމަތް ކުރިއެރުވުމަށް އިންޓަރނޭޝަން ޑޯނަރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ޖެނަރަލް އެސެމްބްލީގެ ހަވާސާގައި މިނިސްޓަރ ނަހުލާ ވަނީ އެކި ޤައުމުތަކުގެ މަތީ ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވާ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފައެވެ. މިގޮތުން އާއްމު ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާ ކުރުމާއި މިދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ރާއްޖެއާއި ތުރުކީއާ ދެމެދުވަނީ މަޝްވަރާކޮށްފައެވެ.
މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ނައިޖީރިއާގެ ފެޑްރަލް މިނިސްޓަރ އޮފް އޭވިއޭޝަން ހާދީ ސިރިކާއާ ބައްދަލުކުރައްވާ މިދާއިރާއިން ދެ ޤައުމުން އެއްބާރުލުންދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ވައިގެ ދަތުރުފަތުރުގެ މުހިއްމުކަމާއި ސީޕްލޭން އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
















