
eda56983-7e09-40cb-b8a8-e27d985efe53-876x584-1
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ފެންނަމުން އަންނަކަމަށެވެ.
"ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ވާހަކަ ދަންނަވަން. އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރަން" - މިނިސްޓަރ ނަހުލާ
ނަހުލާ އިތުރަށް ވިދާޅުވީ، ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ. އަދި، މިކަންތައްތައް ހަމަމަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ގިނަ އަދަދެއްގެ ވެހިކަލްތަޖުގެ ރަޖިސްޓްރީ ޓްރާންސްޕޯޓުން ވަނީ މިހާރުވެސް ބާތިލްކޮށްފައެވެ. އެގޮތުން ބާތިލްކޮށްފައިވާ ރަޖިސްޓްރީގެ އަދަދު 200 އާ ގާތްކުރެއެވެ.
















