
ޑާކް ރެއިން އެންޓަޓެއިންމެންޓުގެ އައު ފީޗަރ ފިލްމު “މަގޭ ބިޓުގެ ވެޑިން” ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.
އިއްޔެ ހަވީރު 4 ޖެހިއިރު ޓިކެޓު ވިއްކަން ފަށާފައިވާއިރު، އޮލިމްފަހުގެ ޓިކެޓު ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެކަމާގުޅޭ އިތުރު މައުލޫމާތު ޑާކް ރެއިންގެ ހޮޓްލައިން 9911229 ނަންބަރަށް ވައިބަރ ކުރުމުން ލިބޭނެއެވެ.
ޓްރޮޕިކަލް ރެއިން އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ މި ފިލްމު އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ޕްރިމިއަރ ކުރާއިރު، މިއީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުގެ ޕްރޮޑަކްޝަނެކެވެ. މީގެ އިތުރުން މި ފިލްމު ޕްރޮޑިއުސް ކުރުމުގައި ކައިލީން މުހައްމަދު އަލީ ވެސް ބައިވެރިވެއެވެ.
ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޝަހޫގެ ފިރިމީހާ އަދި މިވަގުތު ރާއްޖޭގައި ހުރި އެންމެ ކުޅަދާނާ ބަތަލު ޝަރަފް އަބްދުﷲ އާއި ފާތިމަތު ރާޔާ އަބްދުﷲ އެވެ. އަދި ޝާފިއު އިބްރާހީމް (ފުބޫ) އާއި ތަޖުރިބާކާރު ބަތަލާ ޝީލާ ނަޖީބް އާއި އަހުމަދު ސައީދު ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އަދި ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާން ވެސް މުހިންމު ދައުރެއް އަދާކުރެއެވެ.
މި ފިލްމުގެ ސިނަމަޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފް (ޒިއްޕެ) އެވެ. އެޑިޓު ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ.
ލޯބީގެ ގިނަ ހާދިސާތަކެއް އެކުލެވޭ، އެހެނަސް މަޖާ ކެރެކްޓަރތަކެއް ފެނިގެންދާނެ މި ފިލްމުގެ ޓިކެޓު ވިއްކަން ފެށުމާއެކު އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން ކަމަށް ޑާކް ރެއިން އިން ބުނެއެވެ.












