
ތިނަދޫ އަލުން އާބާދުވުން ދައްކާދިނުމަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް ކުރެހުމެއް:-
ދިވެހިރާއްޖޭގެ ތާރީޚުގައި ލިޔެވިފައިވާ އެންމެ އަނދިރި އަދި ހިތްދަތި އެއް ޞަފްޙާއަކީ 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލުމަށް ހިންގި ލާއިންސާނީ ޙާދިސާއެވެ. މުޅި ރަށް އެއްކޮށް ސުންނާފަތިކޮށް، ފަޅު ފަސްގަނޑަކަށް ދޫކޮށްލުމަށްފަހު، އެނބުރި އަމިއްލަ ފަސްގަނޑަށް އައުމުގެ ހުއްދަ ލިބުނީ އޭގެ ހަތަރު އަހަރު ފަހުން 1966 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ގައެވެ.
މިއަދު މި ފާހަގަކުރަނީ ހިތްވަރުގަދަ ކާބަފައިން ސުންނާފަތިވެފައިވާ ފަސްގަނޑަށް އެނބުރި އައިސް، އަލުން ދިރިއުޅުން އާރާސްތުކުރަން ފެށިތާ ބަރާބަރު 60 އަހަރު ފުރޭ ތާރީޚީ އަދި ފަޚުރުވެރި މުނާސަބަތެވެ.
އަލުން އާބާދުވި ދުވަސްވަރު އެނބުރި އައި ޢާއިލާތަކުން ތަޙައްމަލުކުރި ވޭނާއި ދަތިތަކަކީ މިއަދުގެ ޖީލުތަކަށް ތަޞައްވުރުވެސް ކޮށްލަން ދަތި ޙަޤީޤަތްތަކެކެވެ. ބޯހިޔާވަހިކަމެއް، ބޯފެނެއް، ނުވަތަ އަސާސީ އެއްވެސް ޚިދުމަތެއް ނެތް ޖަންގައްޔަކަށް ބަދަލުވެފައިވާ ފަޅުރަށެއްގައި ސުމަކުން ފެށި އެ ދަތުރަކީ ކެތްތެރިކަމާއި، ސާބިތުކަމާއި، އަމިއްލަ ނަފްސަށް އޮތް އިތުބާރުގެ އެންމެ މަތިވެރި ނަމޫނާއެވެ.
.jpg?w=2048&q=75)
ތިނަދޫ އަލުން އާބާދުވުން
އެ ދުވަހު ކާބަފައިން އޮއްސި ދަލާއި، ކުރި ބުރަ މަސައްކަތުގެ މައްޗަށް ބިނާވެގެން ދިޔަ ބިންގަލަކީ، މިއަދު މި ފެންނަ ތަރައްޤީގެ ހިޔާވަހިކަމުގެ އަޞްލެވެ.
ފާއިތުވި ހަ ދަހަރުގެ ތެރޭގައި ތިނަދޫ ދެކެފައިވަނީ ރާއްޖޭގެ އެއްވެސް އެހެން ރަށަކުން ނުދެކޭ ފަދަ އިންޤިލާބީ ކުރިއެރުމެކެވެ. ކުޑަ އާބާދީއަކުން ފަށައިގެން، މިއަދު ތިނަދޫ ސިޓީއަކީ މުޅި ދެކުނުގެ ވިޔަފާރިއާއި އިޤްތިޞާދުގެ މައި މައިބަދައެވެ. މަތީ ތަޢުލީމު ފޯރުކޮށްދޭ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހާއި، ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތް ދެމުން އަންނަ ރީޖަނަލް ހޮސްޕިޓަލާއި، ޒަމާނީ ބަނދަރާއި މަގުތަކަކީ ތިނަދޫ ސިޓީއެއްގެ ދަރަޖައަށް އުފުލިގެން ދިޔުމުގެ ޙަޤީޤީ ހެކިތަކެވެ.
އަދި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް އެންމެ އިތުބާރުކުރާ ޚިދުމަތުގެ މަރުކަޒަކީ މިއަދު ތިނަދޫއެވެ.
މި ތާރީޚީ މުނާސަބަތު ފާހަގަކުރާއިރު ތިނަދޫގެ ކޮންމެ ދަރިއަކުވެސް އަމިއްލަ ފަސްގަނޑާމެދު ފަޚުރުވެރިވާންޖެހޭ ސަބަބުތައް ގިނަގުނައެވެ. ވެއްޓުނު ކޮންމެ ފަހަރަކު މާ ބާރަށް ތެދުވެ، ކުރިމަތިވި ކޮންމެ ގޮންޖެހުމަކުން އާ ފުރުޞަތުތައް ހޯދައިގަތުމަކީ ތިނަދޫ ރައްޔިތުންގެ ލޭގައި ހިނގާ ޚާއްޞަ ސިފައެކެވެ.

ތިނަދޫ އަލުން އާބާދުވުން
މިއަދު ތިނަދޫ ސިޓީ ފެންނަމުން މިދަނީ ހަމައެކަނި އުމްރާނީ ގޮތުން ކުރިއަރާފައިވާ ތަނެއްގެ ގޮތުގައެއް ނޫނެވެ. އެއީ އުފެއްދުންތެރި، ހުނަރުވެރި، އަދި އިޖުތިމާޢީ ގޮތުން ލާމަސީލު ޖީލެއް ބިނާކުރަމުން އަންނަ ފަޚުރުވެރި ސަހަރެކެވެ.
މިފަދަ ބޮޑު މުނާސަބަތެއް ކުލަގަދަކޮށް ފާހަގަކުރުމުގައި އެންމެ އިސް ވާޖިބަކީ އެއްބައިވަންތަކަން ޤާއިމުކުރުމެވެ. ސިޔާސީ ފިކުރުތަކާއި، ޕާޓީގެ ވާދަވެރިކަމާއި، ޒާތީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ތިނަދޫގެ ނަމުގައި އެންމެން އެކަތިގަނޑަކަށް ވާންޖެހެއެވެ.
މިއީ މާޒީގެ ޤުރުބާނީތަކުގެ އަގުވަޒަންކޮށް، އަންނަން އޮތް ޖީލުތަކަށް އަމާން، ފާގަތި އަދި ތަރައްޤީވެފައިވާ ތިނަދޫ ސިޓީއެއް ފޯރުކޮށްދިނުމަށްޓަކައި ޢަޒުމް އާކުރަންވީ ރަނުގެ ފުރުޞަތެކެވެ.

.jpg?w=3840&q=75)



.jpg?w=3840&q=75)








