
69ne6au_lusail-stadium-qatar-afp_625x300_29_September_22
ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕަށް ދާ ސަޕޯޓަރުންނަށް ކޮރޯނާވައިރަސް ވެކްސިން ދިނުން މަޖުބޫރު ނުކުރާނެ ކަމަށް ގަތަަރު ސަރުކާރުން ބުނެފި އެވެ.
ގަތަރުން މި ނިންމުން ނިންމާފައިމިވަނީ ވޯލްޑްކަޕް ފެށެން 2 މަހަށް ވެފައި ވަނިކޮށެވެ.
ވެކްސިން ނުޖެހި ނަމަވެސް ވޯލްޑް ކަޕަށް އެގައުމަށް އެތެރެވާސަޕޯޓަރުން ކޮވިޑް-19 އަށް ނެގެޓިވް ޓެސްޓެއް ހުށަހަޅަން ޖެހޭނެއެވެ.
ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީއިން ބުނީ ކޮންމެ ސަޕޯޓަރަކުވެސް ގަތަރަށް އައުމަށް ފުރާތާ 48 ގަޑިއިރުގެ ތެރޭގައި ލިބޭ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ ނުވަތަ 24 ގަޑިއިރުގެ ތެރޭގައި ލިބޭ ޕޮޒިޓިވް ފާސްޓް އެންޓިޖެން ޓެސްޓުގެ ނަތީޖާގެ ހެއްކެއް ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް 6 އަހަރުން ދަށުގެ ކުޑަކުދިން ޓެސްޓު ހަދަން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ.
ޒިޔާރަތްކުރާ ފަރާތްތަކުން ކޮވިޑުގެ އަލާމާތްތައް ނުފެންނަ ނަމަ، ގަތަރަށް އައުމުން އިތުރު ޓެސްޓެއް ހަދަން ނުޖެހޭނެ އެވެ.
"ގަތަރުގައި ހުއްޓާ ކޯވިޑަށް ޕޮސިޓިވްވާ ކޮންމެ މީހަކު ވެސް މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ގައިޑްލައިންތަކާ އެއްގޮތަށް އައިސޮލޭޓް ވާން ޖެހޭނެ،" ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައި އެވެ.
މީގެ އިތުރުން ގަތަރުން ވަނީ އެޤައުމަށް ޒިޔާރަތްކޮށް އާންމު ދަތުރުފަތުރުގެ ނިޒާމް ބޭނުންކުރާ އިރު މާސްކު އެޅުމަށް މަޖުބޫރުކޮށްފައެވެ. ނަމަވެސް މެޗުތަށް ކުޅޭ ސްޓޭޑިއަމްތަކުގައި މާސްކް އަޅަން ޖެހޭނެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.












