.jpeg?w=2048&q=75)
big_iPtVkI7nZyXxv5tO3yqCtJpwa
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރުމަށް އެފްކޮން އިންފްރަސްޓްރަކްޗަރއިން މޮބިލައިކޮށްފައި އޮތް ޕްލެޓްފޯމް، ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އެސެސްމަންޓް ހަދައި ނިންމައިފިއެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވީ ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ އެސެސްމެންޓް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ، މިދިޔަ މަހުގެ 16 ވަނަ އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ބިދޭސީ ތިން މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ. އެ ޕްލެޓްފޯމް ފަރުން ނެގީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި މި މަހުގެ 4 ވަނަ ދުވަހު ޕްލެޓްފޯމްއިން ފަރަށް އެޅިފައި ހުރި ކުނިތައް ނަގައި އެތަން ވަނީ ސާފުކޮށްފައެވެ.
ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގައި ވަނީ ބޮޑެތި ވަޅުތަކެއް ހެދިފައެވެ. ފަރުގެ އެންމެ ބޮޑު ބަޔަށް ގެއްލުން ވެފައިވާ ކަމަށް މީގެ ކުރިން އީޕީއޭއިން ވަނީ ބުނެފައެވެ.
އީޕީއޭއިން ހާމަކުރި ގޮތުގައި މިހާރު ކުރިއަށް ދަނީ އެފްކޮންސް އިން ކުރިއަށް ގެންދިޔަ ޖޮއިންޓް ސާވޭގެ ކޮމިއުނިކޭޝަން ކަންތައްތަކެވެ. އެއަށްފަހު ފަރަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމާއި އެފްކޮން ޖޫރިމަނާ ކުރާނެ އަދަދު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.










