








Screenshot 2022-09-05 at 18.19.59
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ވަޒީފާއިން ވަކިކުރީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ބުނެ، އޭނާއަށް ބަދަލުދޭން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.
ޕެންޝަން އޮފީހުގެ ސީސީއޯގެ މަގާމަށް ޖޯން އައްޔަންކުރީ 25 ޑިސެމްބަރު 2020ގައެވެ. އޭނާއާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުން ބާތިލުކޮށް، މަގާމުން ވަކިކުރީ 12 އޮކްޓޯބަރު 2021 ގައެވެ.
އޭނާ މަގާމުން ވަކިކޮށްފައި ވަނީ ސުލޫކީ މިންގަނޑާ ހިލާފުވި ކަމަށް ބުނެ، ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ތަނުން ނިންމި ނިންމުމުގައި ބުނެފައި ވަނީ، ސީއީއޯގެ މަގާމުން ޖޯން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމަށް ކަމަށް ވުމުން އޭނާ އެ ވަޒީފާއަށް އަނބުރާ ރުޖޫއަ ކޮށްދޭންޖެހޭ ހާލަތެއް ނެތް ކަމަށެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރުމުގައި ގާއިމްކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ، އޭނާ އެ ވަޒީފާގައި ހުރިއިރު އެއް މަހުގެ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ 14،000 އެމެރިކާ ޑޮލަރު (215،880ރ.) އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
އޭނާ މަގާމުން ވަކިކުރައްވާފައިވަނީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވަމުން ދަނިކޮށެވެ. އެހެންނަމަވެސް އޭނާއާ ދެކޮޅަށް މިފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށާއި، އަދި މިފަދަ މައްސަލައެއް ބަލަމުން ވެސް ނުދާކަމަށް ބުނެ ޕެންޝަން އޮފީހުން އޭރު ބުނެފައި ވެއެވެ.




