








viber_image_2022-04-01_18-30-14-821
ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
ބާރަށު ނެރާއި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫއުގެ ދަށުން 28،101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫއަކީ 12.17 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ބާރަށު ނެރާއި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަބްދުﷲ އާއި ބާރަށު ކައުންސިލުގެ ރައީސް ސޮފްވަތު މުހައްމަދުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ވޭދުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ އިތުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. އެގޮތުން މިހާރުވެސް އެ ކުންފުނިން ދަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި އެ ކުންފުނީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.
އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި ކަމުގައި ވާތީ، އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއި ވަސީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.







