
60882431_303
ރަޝިއާ ޔޫކްރޭން މައްސަލަ ގޯސްވެ، ޔޫކްރެއިންގައި ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އިމަޖެންސީ) އިއުލާނުކުރުމަށް އެގައުމުގެ ސެކިއުރިޓީ ކައުންސިލުން ނިންމައިފި އެވެ.
ޔޫކްރެއިންގެ ސެކިއުރިޓީ ކައުންސިލުން މިގޮތަށް ނިންމި ނަމަވެސް އެކަން ތަންފީޒުކުރާނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްގެންނެވެ. ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި މަޖިލީހުން މިކަމަށް ގޮތެއް ނިންމާނެކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ޔޫކްރެއިން ސެކިއުރިޓީ ކައުންސިލްގެ އިސް އޮފިޝަލެއް ކަމުގައިވާ، އޮލެކްސީ ޑެނިލޮވް ވިދާޅުވީ، ޑޮނެޓްސްކް އާއި ލުހަންސްކް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނެ ކަމަށެވެ.
ޔޫކްރެއިންގެ މަޖިލީހުން ފާސްވުމާއެކު 30 ދުވަހުގެ މުއްދަތަކަށް ކުއްލި ހާލަތު އިއުލާނުކުރުމަށް ވަނީ ނިންމާފައެވެ. އެ މުއްދަތު އިތުރުކުރުމަކީވެސް އެކަށީގެންވާކަމެއް ކަމުގައި އެ ގަައުމުގެ ސެކިއުރިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ރަޝިއާ އާއި ޔޫކްރޭންގެ މައްސަލަ ހޫނުވީ ޔޫކްރޭނުން ނޭޓޯގެ މެންބަރަކަށް ވުމުގެ މަސައްކަތް ހަލުވި ކުރުމުންނެވެ. ހުޅަނގުގެ ގައުމުތަކުން ބާރުއަޅަމުން ގެންދަނީ ޔޫކްރޭނުން ނޭޓޯގެ މެންބަރަކަށް ވުމަށެވެ. ނަމަވެސް ރަޝިއާ އިން ބުނާ ގޮތުގައި ނޭޓޯގެ މެންބަރަކަށް ޔޫކްރޭން ވުމަކީ ރަޝިއާގެ ގައުމީ ސަލާމަތައް އޮތް ނުރައްކަލެކެވެ.












