








Dhaandhoo
ގއ. ދާންދޫއާއެކު އިތުރު ހަތަރު ރަށެއްގައި ފެނުގެ ނިޒާމު ގާއިމްކުރުމަށް ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
މި ޕްރޮޖެކްޓުތަކަކީ ޗައިނާގެ ފޮރިން މިނިސްޓަރ އިއްޔެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއެކު އެއްބަސްވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓުތަކެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި އެ ދަތުރުފުޅުގައި ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފެން ޕްލާންޓުތައް ގާއިމު ކުރުމަށް ނިންމާފައިވަނީ ދާންދޫގެ އިތުރުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ އަދި ރ. އަލިފުށީގައި ކަމަށެވެ.
ފަސް ރަށެއްގައި މި ޕްލާންޓް ގާއިމު ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް ޕްރޮޖެކްޓް ފަށާނެ ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.
މި ޕްރޮޖެކްޓުގެ އިތުރުން މިއަދު ޗައިނާ ސަރުކާރުން ވަނީ 968.2 މިލިއަން ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިއީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީ ހޭދަކުރަން ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.
މީގެ އިތުރުން މާލެއާއި ހުޅުމާލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖް ބެލެހެއްޓުމުގެ އެއްބަސްވުމާއި، ފެން ފޯރުކޮށްދިނުމުގެ ނިޒާމު ފަސް ރަށެއްގައި ގާއިމް ކުރުމުގެ އެއްބަސްވުމަކާއި، ސިއްޚީ ދާއިރާއިން އެހީ ދިނުމުގެ އެއްބަސްވުމެއްގެ އިތުރަށް އޮންއެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.




