




.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)

ޓޯކިޔޯ
ޖަޕާނުގެ ވެރިރަށް ޓޮކިޔޯގައި ކޮވިޑް-19 ފެތުރި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރުވެސް، އޮލިމްޕިކްސް ބާއްވާނެކަމަށް އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އިން ހާމަކޮށްފިއެވެ.
ހޫނުމޫސުމުގެ އޮލިމްޕިކްސް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖުލައި 23 ގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ. ޓޯކިޔޯގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އެ ގައުމުގެ ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ.
ޖަޕާނުގައި ކޮވިޑްގެ އާރާޅެއް ނަގާފައިވަނީ މިއަހަރު އޭޕްރިލް މަހުގައެވެ. މިދިޔަ އަހަރުން ފެށިގެން މިހާތަނަށް އެ ގައުމުން 720،000 ކޮވިޑް ކޭސް ފެނިފައިވާއިރު 12،200 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ޖަޕާނުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ. ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި ހިލާފަށް ޖަޕާނުގައި ވެކްސިން ދޭން ފަށާފައިވަނީ، މިއަހަރު ފެބްރުއަރީ މަހުގައެވެ. މިހާތަނަށް އެގައުމުގެ އާބާދީގެ 2.9 މިލިއަން މީހުން ނުވަތަ 2.3 އިންސައްތަމީހުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަަމަކޮށްފައެވެ.
ރައްކާތެރި މާހައުލެއްގައި އޮލިމްޕިކްސް ބޭއްވުމަށް ޖަޕާނުންވަނީ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ޖަޕާނުގެ ބޯޑަރުތައްވެސް ބަންދުކޮށްފައިވާއިރު، އޮލިމްޕިކްސް ބެލުމަށް އެއްވެސް އެހެން ގައުމެއްގެ ސަޕޯޓަރުންނަކަށްވެސް ނުދެވޭނެއެވެ. އިންޓަރނޭޝަނަލް އެތުލީޓުންނާއި އެޓީމްތަކުގެ އޮފިޝަލުން އެ ގައުމަށް ދަތުރުކުރުމުންނާއި ގޭމްސް ނިންމާ އެނބުރި އަމިއްލަ ގައުމަށް ދިޔުމުގެ ކުރިން ކޮވިޑަށް ޓެސްޓުކުރެވޭނެއެވެ. އަދި ގޭމްސް ކުރިއަށްދާއިރުވެސް ދޭތެރެ ދޭތެރެއިން އެތުލީޓުންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓުކުރުމަށްވެސް ވަނީ ނިންމާފައެވެ. އެތުލީޓުން ކަރަންޓީނު ވާން ނުޖެހުނަސް ޖަޕާނުގެ ރައްޔިތުންނާއެކު މަސްހުނިވުން ކުޑަކުރުމަށް ޓީމްތައް ވަކިން ތިބެވޭނެ އިންތިޒާމްތައްވެސް މިހާރުވަނީ ހަމަޖައްސާފައެވެ.
އެންމެ ފަހުގެ ޕޯލްތަކަށް ބަލާއިރު ޖަޕާނުގެ އާބާދީގެ 70 އިންސައްތަ، މިހާރު އެގައުމު އޮތް ހާލަތުގައި އޮލިމްޕިކްސް ބޭއްވުމާ ދެކޮޅެވެ.




