






ކަނދުފަތި
ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުގެ ދަށުން، މިހާތަނަށް މުޅި ރާއްޖޭގައި 115 ކަނދުފަތި ގާއިމްކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
މީގެތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަ 60 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގް އަދި ފަރުމަސްވެރިކަމަމށް ހާއްސަކޮށްގެން އެޅި 55 ވަދު ކަނދުފައްޗެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދިންގޮތުގައި މިއީ މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނދުފަތިތައް އެޅުމާއި ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ އަހަރު އެކަނިވެސް ސަރުކާރުން ވަނީ 44 ވަދު ކަނދުފަތި އަޅާފައިވެ އެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މިމަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް އިތުރު 5 ސަރަހައްދެއްގައި ކަނދުފަތި ގާއިމްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 4 ދޮށީ ކަނދުފައްޗާއި، 1 ވަދު ކަނދުފަތި ހިމެނެއެވެ.
އަލަށް ކަނދުފަތި އެޅި ސަރަހައްދުތަކަކީ:
ކަނދުފައްޗަކީ މަސްވެރިންގެ އާންމު މަސައްކަތާއި ނުހަނު ގުޅިފައިވާ ވަސީލަތަކަށްވާތީ، އޮއިވަރާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ރާއްޖޭގައި ފާއިތުވި 40 އަހަރު ބޭނުންކުރަމުން އައި ބާ ފަރުމާގެ ބަދަލުގައި މި އައު ޑިޒައިން ބޭނުންކުރަން ފެށުމުން، ކަނދުފަތިތައް އަވަހަށް ކަނޑައިގެން ދިއުމުގެ ދައްޗަށް އެދެވޭ ހައްލެއް ލިބިގެންދާނެ އެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވަދު ކަނދުފަތީގެ ވިއުގަ ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފަ އެވެ.






