







މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް %5.9 ދަށްވެފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، އޮކްޓޫބަރު މަހު ދައުލަތުން 3.6 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 3.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އޮކްޓޫބަރު މަހުގެ ހަރަދުތަކުގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 3 ބިލިޔަން ރުފިޔާ އެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ހަރަދު 3.1 ބިލިޔަން ރުފިޔާގައި ހުރިއިރު، މިއީ %3 ގެ ދަށްވުމެކެވެ. ރިކަރަންޓް ހަރަދުގެ އެންމެ ބޮޑު ބައެއް ހޭދަވީ އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ކަންކަމަށެވެ. އެގޮތުން އެ ދާއިރާއަށް 1.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 1.9 ބިލިޔަން ރުފިޔާގަ އެވެ. މީގެއިތުރުން މުވައްޒަފުންގެ މުސާރައަށް 1.3 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހޭދަކުރި 677 މިލިޔަން ރުފިޔާއާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ %24.9 ދަށްވެފަ އެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 542 މިލިޔަން ރުފިޔާ އެވެ.
ހަރަދުތައް ކުޑަވެފައިވާއިރު މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ %6 އިތުރުވެފަ އެވެ. އެ މުއްދަތުގައި ޖުމްލަ 35 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 32 ބިލިޔަން ރުފިޔާ އެވެ. ލިބުނު އާމްދަނީގެ ތެރެއިން 2 ބިލިޔަން ރުފިޔާއަކީ ޓެކްސް އާމްދަނީ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 513 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކަ އެވެ.