
.jpg?w=3840&q=75)







އައު ޕެންޝަން ސްކީމުން ހައްޖަށް ޝަރުތު ހަމަވާ 24،000 މީހުން އެބަތިބި ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކުންފުނިން މިކަން ހާމަކުރީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާާކެޓިންގ އެންޑް ޕީއާރ އަބްދުﷲ މުއާޒު ވިދާޅުވީ ޕެންޝަން ފައިސާ ބޭނުން ކޮށްގެން ސީދާ ޙައްޖަށް ދެވެނީ، 336،000 ރުފިޔާ ހަމަވާނަމަ ކަމަށެވެ. ނަމަވެސް އެ އަދަދު ހަމަނުވި ނަމަވެސް، ޙައްޖުގެ ޖުމުލަ އަގު ކަމަށްވާ 69،965 ރުފިޔާގެ 75 އިންސައްތަ އަމިއްލައަށް ދައްކައިގެން ޙައްޖު ކިޔޫއަށް އެރޭނެކަމަށް މުއާޒު ވިދާޅުވިއެވެ.
މީގެއިތުރުން ޙައްޖަށްދާ އަހަރަށް ވާއިރު ޕެންޝަން ފަންޑުގައި 336،000 ރުފިޔާ ހަމަވެއްޖެނަމަ އެ ފައިސާ ބޭނުންކުރެވޭނެ ކަމަށާއި، އޭރުން އަތުން ޚަރަދުކުރި ފައިސާގެ 20 އިންސައްތަ ޕެންޝަން ފަންޑުގައި ބެހެއްޓުމަށްފަހު ބާކީ ފައިސާ އެ މީހަކަށް ލިބޭނެކަން މުއާޒު ވިދާޅުވިއެވެ.
މިމަހުގެ 5 ވަނަ ދުވަހު އަމަލުކުރަން ފެށި ޕެންޝަނާބެހޭ ޤާނޫނުގެ އިސްލާހާއެކު، ޢުމުރުން 65 އަހަރު ފުރުމަށްފަހު ވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ، ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ މަގުވަނީ ފަހިވެފައެވެ. މިއީ، ދިގު އިންތިޒާރަކަށްފަހު ޢުމުރުން ދުވަސްވީ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.މި ނިޒާމުގެ ދަށުން ޢުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދިނުމަށް، ހައްޖަށް ދިޔުމަށް ފައިސާ ދައްކައި ތިން އަހަރުވެފައިވާ 70 އަހަރުން މަތީގެ 324 މީހުން އަންނަ އަހަރު ޙައްޖަށް ފޮނުވުމަށް ނިންމާފައިވާކަން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ އިއުލާނު ކުރައްވާފައެވެ.

.jpg?w=3840&q=75)





%20(5).jpeg?w=3840&q=75)
