
.jpg?w=3840&q=75)






.jpg?w=3840&q=75)
-
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހަކުރުބައްޔަށް ޢާންމުން ހޭލުންތެރިކުރުވައި ދުޅަހެޔޮ ޞިއްޙަތަކަށް ބާރުއެޅުމަށްޓަކައި "މޯލްޑިވްސް ސްވިމްސް ފޮރ ޑައިބެޓީސް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ފެތުމުގެ ޙަރަކާތެއް މި މަހުގެ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރާ މި ޙަރަކާތް ކުރިއަށްގެންދަނީ މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރު ކަމަށްވާ "އާލީ އެކްޝަން އޮން ޑައިބެޓީސް" ގެ ދަށުންނެވެ.
މި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށްރަށުގައިވެސް އެ ރަށެއްގެ ފެންވަރުގައި މި ފެތުމުގެ ޙަރަކާތް ކުރިއަށްދާނެއެވެ.
މާލެ ސަރަޙައްދުގައި މި ޙަރަކާތް އޮންނާނީ 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 އިން އިރުއޮއްސި 18:00 އަށް، މާލޭ ސްވިމިންގ ޓްރެކްގައެވެ.
ފަތަން ދަންނަ ޢުމުރުން 6 އަހަރުން މަތީގެ ކޮންމެ ފަރުދަކަށްވެސް ވަކިވަކިން ނުވަތަ ޓީމެއްގެ ގޮތުގައި މި ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ޙަރަކާތުގައި ޢުމުރުފުރާތަކަށް ބަހާލައިގެން ކޮންމެ ބައިވެރިއަކުވެސް 50 މީޓަރާއި 100 މީޓަރާ ދެމެދުގެ ރާސްތާއަކަށް ފަތަންޖެހޭނެއެވެ. އެގޮތުން ބޮޑެތި މީހުންނާއި ޢުމުރުން ދުވަސްވީ ފަރާތްތައް މެންދުރުފަހުގެ ކުރީކޮޅު ފަތާ ގޮތަށް ހަމަޖެހިފައިވާއިރު، ކުޑަކުދިންގެ ބައި ކުރިއަށްދާނީ ހަވީރުގެ ވަގުތުގައެވެ.
އަދި ރަޖިސްޓްރީވާ ކޮންމެ ބައިވެރިއަކަށް ޚާއްޞަ ސީރިއަލް ނަންބަރެއް ދެވޭނެ ކަމަށާއި، ޢުމުރުފުރާތައް ފަތަންޖެހޭ ވަކި ވަގުތުތައް ބައިވެރިންނަށް ކުރީބައިގައި އަންގާނެ ކަމަށް ޑީއެސްއެމުން މަޢުލޫމާތު ދެއެވެ.
ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މަތީ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި ޙަރަކާތުގައި، ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ސެނަހިޔަ އަދި އެޗްޕީއޭގެ އިމަޖެންސީ މެޑިކަލް ސަރވިސަސް (އީއެމްއެސް) އިން ޙަރަކާތްތެރިވާނެއެވެ.
ޑައިބެޓީސް ސޮސައިޓީން ވަނީ ގޫގުލް ފޯމު މެދުވެރިކޮށް ކުރީބައިގައި ރަޖިސްޓްރީވެ، ހަކުރުބައްޔާ ދެކޮޅަށް ކުރެވޭ މި ޤައުމީ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.

.jpg?w=3840&q=75)


