.jpg?w=3840&q=75)








ވަލްވާޑޭ ލަނޑުޖެހުމަށްފަހު އުފާފާޅުޖުރަނީ..
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ގްރީސްގެ އޭއީކޭ އެތެންސް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑުން ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނުގެ އާރުބީ ލެޕްޒިގް އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އޭއީކޭ އެތެންސް އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން 5-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އޭއީކޭ އެތެންސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކޮއިޓާ އެވެ.
ރެއާލް މެޑްރިޑުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ޖޫޑް ބެލިންގްހަމް ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 74 ވަނަ މިނެޓުގައި އޭއީކޭ އެތެންސްގެ ޑިފެންޑަރު ސްޓަވްރޯ ޕިލޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އެޓީމަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
ނަމަވެސް އޭގެ ތިން މިނެޓް ފަހުން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ރެއާލް މެޑްރިޑަށް ނަތިޖާ އެއްވަރުކޮށްދީފައެވެ. އަދި މިމެޗުން ރެއާލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ފެޑަރީކޯ ވަލްވާޑޭއެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، މިމެޗުން ބަލިވި އޭއީކޭ އެތެންސް އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 29 ވަނައިގައެވެ.
.jpg?w=3840&q=75)



