

.jpeg?w=3840&q=75)


.jpeg?w=3840&q=75)



ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 2.46 މިލިއަންވުރެ ގިނަ ގަސް އިންދައިފި އެވެ.
މިއީ މި ސަރުކާރުން ރާއްޖެއިން ގަސް ނެތެމުންދާތީ ގަސް އާލާކުރުމާއި ފެހިކަން އިތުރު ކުރުމަށް ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން މިހާތަނަށް މުޅި ޖުމްލަ 2،463،339 ގަސް އިންދާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އަދި އެންމެ ގިނަ ގަސް ރިސޯޓުތަކުން އިންދާފައިވާއިރު، އެއީ 1،222،991 ގަސް އެވެ. އަދި އޭގެތެރެއިންވެސް އެންމެ ގިނައިން ގަހުގެ ގޮތުގައި 881،223 ގަސް އިންދާފައިވަނީ ރޯޒްވުޑް ރިސޯޓެވެ.
ދެން އެންމެ ގިނައިން ރަށްރަށާއި ސިޓީ ކައުންސިލްތަކުން 566،555 ގަސް އިންދާފައިވެ އެވެ. އޭގެތެރެއިންވެސް އެންމެ ގިނަ ގަސް، 30،000 ގަސް ކ. ކާށިދޫ ކައުންސިލުންވަނީ އިންދާފަ އެވެ.މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 414,911 ގަސް އިންދާފައިވެ އެވެ. އަދި އެންމެ ގިނަ ގަސް އިންދީ އެޗްޑީސީންނެވެ. އެއީ 210,270 ގަހެވެ. މީގެ އިތުރުން، ސްޓެލްކޯއިން 129,902 ގަސް އަދި އެމްއޭސީއެލްއިން 40,878 ގަސް އިންދާފައިވެ އެވެ.
ސްކޫލްތަކުން 189,965 ގަސް އިންދާފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިތަކާއި ޖަމްޢިއްޔާތަކުން 42,349 ގަސް އިންދާފައިވާއިރު، އޭގެ ތެރޭގައި އެސްޑީއެމް ފާމް 30,000 ގަސް، ކްލީން މޯލްޑިވްސް 9,750 ގަސް އަދި އުރީދޫ މޯލްޑިވްސްއިން އިންދި 2,569 ގަސް ހިމެނެއެވެ. މީގެ އިތުރުން، ވުޒާރާތަކާއި ބޭރުގެ އެމްބަސީތަކާއި ޤައުމީ ޖަމްޢިއްޔާތައް ގުޅިގެން 25,973 ގަސްވެސް ވަނީ އިންދާފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން އަދިވެސް 2.54 މިލިއަން ގަސް އިންދަންޖެހެ އެވެ. އަދި މިހާތަަނަށް އިންދިފައިވަނީ 5 މިލިއަން ގަހުގެ ތެރެއިން 39 އިންސައްތަ އެވެ.


.jpeg?w=3840&q=75)

