





މެންޓަލް ހެލްތު ހެލްޕްލައިންގެ ޗެޓް އެޕެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ނަފްސާނީ ބަލިން ރައްކާތެރިވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ އާއިޝަތު ޝޫޒާ އެވެ.
އޭނާ ވިދާޅުވީ މިއީ ނޭޝަނަލް މެންޓަލް ހެލްތް ހެލްޕްލައިން މެދުވެރިކޮށް ވާހަކަތައް ހިއްސާކުރުމަށް ބައެއް ފަރާތްތަކުން ފަސްޖެހޭ ކަމަށާއި އެންމެ ބޮޑު ސަބަބަކީ އިތުބާރު ކުޑަވުންކަމަށާއި، ކާކުކަން އެނގިދާނެތީ ދިމާވާ ހާލަތުތައް ޙިއްސާކުރުމަށް ބައެއް ފަރާތަތަކަށް ދަތިވާކަމުގައި ވިދާޅުވިއެވެ.
ހެލްޕްލައިން މެދުވެރިކޮށް ކުރިން އެހީތެރިކަން ފޯރުކޮށްދެނީ ކުއްލި ހާލަތުގައި ކުރިއަށްދޭ އެހީތެރިކަން އެކަނިކަމަށާއި އެހެންނަމަވެސް ބައެއް ކޭސްތަކަކީ އެންމެ ފަހަރަކު އެހީތެރިކަން ފޯރުކޮށްދީގެން ފަރުވާ ލިބޭ ކަންކަމަށް ނުވުމާއެކު، ކޭސް މެނޭޖްމެންޓް ސިސްޓަމެއް އެކުލަވާލާ އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ޝުޒާ ވިދާޅުވިއެވެ.
ސްޓްރެސް، އެންޒައިޓީ، ޕެނިކް އެޓެކް ފަދަ ކަންކަން ދިމާވުމުން ބޭނުންވާ އެހީތެރިކަން ހޯދުމަކީ ކުރުން މުހިންމު ކަމެއްކަމަށެވެ. އެ ފަދަ ހާލަތުތައް ދިމާވުމުން ފަރުވާ ނުހޯދުމަކީ ދިގު މުއްދަތަކަށް އެފަދަ ކަންކަމަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޑިޕްރެޝަން ނުވަތަ ދިގު މުއްދަތަށް ދެމިގެންދާ އެންޒައިޓީ ފަދަ ހާލަތުތައް މެދުވެރިވިޔަ ނުދިނުމަށް، ނަފްސާނީ ޙާލަތެއް ދިމާވުމުން ވީހާވެސް އަވަހަށް ފަރުވާ ހޯދުން މުހިންމުކަން ވެސް ޝުޒާ ފާހަގަކުރެއްވިއެވެ.
ޝުޒާ ވިދާޅުވީ ސްޓްރެސް ކުޑަކުރުމާ، ރަނގަޅު ކާނާ ކެއުމާއި، ފެން ބުއިން އަދި ކަސްރަތުކުރުން ފަދަ ކަންކަމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.



