








އާދީއްތަ ދުވަހުގެރޭ މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޖަނާޒާ މިއަދު އެ ގައުމުގައި ބާއްވަން ނިންމައިފިއެވެ.
ވެރިރަށް ކުއާލަލަމްޕޫރު ކައިރިން ސަންވޭ ސަރަހައްދުގައި ހިނގި މި ހާދިސާގައި ނިޔާވީ އައްޑޫގެ ހިތަދުއަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ އާމިނާ އިމީލީ ނާޒިމް ނަމަކަށް ކިޔާ ދިވެހި ޒުވާނެކެވެ.
އިމީލީގެ އާއިލާއިން ބުނީ ކަށުނަމާދު އޮންނާނީ މެލޭޝިއާގައި މިއަދު މަޣްރިބް ނަމާދަށް ފަހު ކަމަށެވެ.
ކަށު ނަމާދު ބާއްވަނީ ސުބަންގް ޖާޔާގެ މޮސްކް އަލް އިސްޔާދު އެންޑް މުސްލިމް ސިމެޓްރީގައެވެ. މޫނު ދެއްކުން އޮންނާނީ ކަށުނަމާދު ބާއްވާ މިސްކިތުގައެވެ.
އިމީލީއަކީ މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ.
އޭނާ ނިޔާވި އެކްސިޑެންޓް ހިނގީ އިތުރު އެހެން ދަރިވަރަކާ އެކު ޝޮޕިން މޯލްއަކަށް ދިއުމަށް ފަހު، އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. އެ ހާދިސާގައި އަނެއް ދަރިވަރަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.
މި އެކްސިޑެންޓް މެލޭޝިއާގެ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، ޓެކްސީ ޑްރައިވަރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި އިރު، 37 އަހަރުގެ ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައެވެ. އެ ގޮތުން އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަަށް ފައްސިވެފައިވާކަން ވަނީ އެނގިފައެވެ.




