








މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 3 މީހުން- ފޮޓޯ: ފުލުހުން
ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިންކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) ކަމަށެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން ދެ މީހުން މި މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އިންޑިއާ ދެމީހުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހައްޔަރުކޮށްފައިވާއިރު، އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންއާއި، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ އިބްރާހީމް 15 ދުވަހަށް އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.







