








ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" އިން ރަންބީރު ކަޕޫރު ފެނިގެންދާ ގޮތް.
ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ބޮޑު ފިލްމު "ލަވް އެންޑް ވޯ" އިން ރަންބީރު ކަޕޫރު ފެނިގެންދާނެ ގޮތުގެ ފުރަތަމަ ލުކް އާންމުކޮށްފިއެވެ.
ބަންސާލީ ޕްރޮޑަކްޝަންސްގެ އިންސްޓަގްރާމްގައި ހިއްސާކުރި ފުރަތަމަ ޕޯސްޓަރުން ފެންނަނީ ރަންބީރު ކަޕޫރު ވިންޓޭޖް ކާރެއް ދުއްވަން އިންނަ މަންޒަރެވެ. ޓީޝާޓަކާއި އައިނެއް އަޅައިގެން، ބޯ ކުރުކޮށް ކޮށާފައި ހުރިއިރު، އެންމެ ބޮޑަށް އަޅައިގަންނަނީ އޭނާގެ ވާތުގައި ހުރި ޒަޚަމްތަކާއި ލޭގެ ނިޝާންތަކަށެވެ.
މި ފިލްމުގައި ރަންބީރާއެކު ލީޑް ރޯލުން ފެނިގެންދާ އާލިއާ ބަޓް އަދި ވިކީ ކޯޝަލް ވެސް ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މި ފަސްޓް ލުކް ހިއްސާކޮށްފައެވެ.
"ލަވް އެންޑް ވޯ" އަކީ ރަންބީރު، އާލިއާ އަދި ވިކީ، އެކުގައި ސަންޖޭ ލީލާ ބަންސާލީގެ ޑައިރެކްޝަނެއްގައި އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
މިއީ "ސާވަރިޔާ" އަށްފަހު ގާތްގަނޑަކަށް 20 އަހަރު ފަހުން ރަންބީރާއި ބަންސާލީ އެކުގައި މަސައްކަތްކުރާ ފިލްމެކެވެ. އަދި އާލިއާ ވަނީ މީގެ ކުރިން ބަންސާލީގެ "ގަންގޫބާއީ" ގައި މޮޅު އެކްޓިންއެއް ދައްކާފައެވެ.
މި ފިލްމުގައި ސުޕްރިޔާ ޕާތަކް ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ލަވް އެންޑް ވޯ" ރިލީޒްކުރަން ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2027 ގައިއެވެ. އަދި މި ފިލްމު ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުންވެސް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.








