
ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 ފަށައިފި
ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބާއްވާ ޖަމްއިއްޔާތުގެ އަހަރީ ބައްދަލުވުން ފެށުމަށްޓަކައި މިއަދު ހެނދުނު ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
މިއަހަރުގެ މި ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުމުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ’21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު' މި މަޢުޟޫއުއަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ވަނީ އިސްލާމީ ދަޢުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެންކަން ފާހަގަކުރައްވާފަ އެވެ. އަދި އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ވެގެންދާނެކަމަށް ވިދާޅުވެފައިވެ އެވެ.
ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު އިސްލާމިކް މިނިސްޓްރީން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެގޮތުން ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހު 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށާއި އޭގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ފަދަ ކަންކަން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަރަށް ރަނގަޅަށް ހިނގާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމްކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.












