








ކާމިޔާބު ވެބް ސީރީޒް "ޕަންޗާޔަތު" ގައި ޕްރަދާން ޖީގެ ރޯލުން ފެނިގެންދާ މަޝްހޫރު އެކްޓަރު ރަގުބީރް ޔާދަވް.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި، އެމެޒޯން ޕްރައިމްގެ ކާމިޔާބު ވެބް ސީރީޒް "ޕަންޗާޔަތު" ގައި 'ޕްރަދާން ޖީ' ގެ ރޯލު ކުޅެމުން އަންނަ މަޝްހޫރު އެކްޓަރު ރަގުބީރް ޔާދަވް، މި ސީރީޒް ފިލްމެއްގެ ގޮތުގައި ގެނެސްދިނުމާ ދެކޮޅުކަން ހާމަކޮށްފިއެވެ.
މި ކާމިޔާބު ސީރީޒް ބޮޑު ސްކްރީނަށް ގެނައުމާ ގުޅޭގޮތުން ވާހަކަދައްކަމުން ރަގުބީރް ބުނީ، ފިލްމެއް ހަދައިގެން ސީރީޒްގެ ކުރިއަށް އޮތް ސީޒަންތައް ހަލާކުކޮށްލަން ބޭނުންނުވާ ކަމަށެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި "ޕަންޗާޔަތު" ގެ އަސްލު ރީތިކަމާއި ކާމިޔާބީ ގުޅިފައިވަނީ އޭގެ އެޕިސޯޑުތަކުގެ މައްޗަށް ބިނާކޮށް، މަޑުމަޑުން ވާހަކަ ކިޔައިދެމުންދާ ގޮތަށެވެ. އެހެންކަމުން، މިއީ ފިލްމެއްގެ ގޮތުގައި އެންމެ ދެތިން ގަޑިއިރަށް ކުރުކޮށްލައިގެން ގެންނަންޖެހޭ އެއްޗެއް ކަމަކަށް އޭނާ ނުދެކެއެވެ.
އޭނާ އިތުރަށް ބުނިގޮތުގައި އޭނާގެ ހިޔާލު އެފަދައިން ހުރި ނަމަވެސް ގޮތް ނިންމާނީ ލިޔުންތެރިންކަމަށެވެ.
ފާއިތުވި ސީޒަންތަކަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ރަގުބީރްގެ މި ވާހަކަތަކުން، "ޕަންޗާޔަތު" ގެ ވާހަކަ ފިލްމަކުން ނިންމާލުމުގެ ބަދަލުގައި ކުރިއަށް އޮތްތާނގައިވެސް އިތުރު ސީޒަންތަކެއް އައުމުގެ އުންމީދު ވަނީ އާވެފައެވެ.








