








ޝަރުޢީ ދާއިރާއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމުގައި އުއްތަމަ ފަނޑިޔާރު އަލް އުސްތާޛު އަބްދުލްޢަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސުޕްރީމް ކޯޓުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ އިންތިޤާލީ މަރުޙަލާގައި އެ ކޯޓު މުލީއާގޭގައި ހިންގުމަށްފަހު، މިހާރު ދާއިމީ ކޯޓު ހިންގަމުންދަނީ ތީމުގެ ތެރޭގައި ކަމަށާއި އެ ދެ ތަނަކީވެސް ހައިބަތު ބޮޑު ތަންތަން ކަމުގައިވިޔަސް އެއީ ޝަރުޢީ ކޯޓެއް ހިންގަން ފަރުމާކޮށްފައިވާ އިމާރާތްތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންނަށް އަވަސް އިންސާފު ފޯރުކޮށްދިނުމުގެ ގޮތުން، ކޯޓުތަކުގައި އެއް އަހަރަށްވުރެ ދިގުލައިގޮސްފައިވާ މައްސަލަތައް އަވަސްކުރުމަށް އިދާރީ އަދި ނިޒާމީ ހުރަސްތައް ދެނެގަނެ، އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަލަށް ލިބުނު ބިމުގައި ބިނާކުރެވޭ އިމާރާތަކީ ސުޕްރީމް ކޯޓުގެ މުސްތަޤުބަލުގެ ތަޞައްވުރު ހަޤީޤަތަކަށް ހަދައިދީ، ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް އެކަށީގެންވާ ފަހި މާހައުލެއް ފޯރުކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެގޮތުން، މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާއިރު، އެކަމަށް ބޭނުންވާ ބިން މި މަހުގެ 8 ވަނަ ދުވަހު ވަނީ ހަމަޖެހިފައެވެ.އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ތެރޭގައި އެ އާ އިމާރާތުގައި ޝަރުޢީ މަސައްކަތްތައް ފެށުމެވެ.








