



.jpg?w=3840&q=75)




ލެޖެންޑަރީ ލަވަކިޔުންތެރިޔާ އެމްއެސް ސުއްބުލަކްޝްމީގެ ބަޔޮޕިކްގެ ލީޑް ރޯލު ކުޅުމަށް ރަޝްމިކާ ހަމަޖައްސައިފި. ފިލްމު ލޯންޗުކުރުން އޮންނާނީ ސެޕްޓެމްބަރު 16 ވަނަ ދުވަހު
ސައުތު އިންޑިއާގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަންނާ، އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އެމްއެސް ސުއްބުލަކްޝްމީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑް ރޯލަށް ރަސްމީކޮށް ހަމަޖައްސައިފިއެވެ.
ގޯތަމް ތިންނަނޫރީ ޑައިރެކްޓްކުރާ މި ފިލްމުގައި ރަޝްމިކާ ފެނިގެންދާނެކަމުގެ އަޑުތައް ކުރިންވެސް ފެތުރިފައިވީ ނަމަވެސް، މިއީ މިކަން ރަސްމީކޮށް ކަށަވަރުވި ފުރަތަމަ ފަހަރެވެ.
މި ތާރީޚީ ފިލްމު ރަސްމީކޮށް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ ސުއްބުލަކްޝްމީގެ 110 ވަނަ އުފަންދުވަސް ކަމަށްވާ 16 ސެޕްޓެމްބަރު 2026 ގައެވެ.
ފިލްމުގެ ލަވަތަކާއި ބެކްގްރައުންޑް މިއުޒިކް ތައްޔާރުކޮށްދޭނީ މިވަގުތު އިންޑިއާގައި ހުރި އެންމެ ޑިމާންޑް ބޮޑު މިއުޒިކް ޑައިރެކްޓަރު އަނިރުދް ރަވިޗަންދަރ އެވެ.
16 ސެޕްޓެމްބަރު 1916 ގައި މަދުރައިއަށް އުފަންވި އެމްއެސް ސުއްބުލަކްޝްމީއަކީ އިންޑިއާގެ ކްލެސިކަލް މިއުޒިކަށް ނުހަނު ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަންނާނެކެވެ.
މިއުޒިކީ އާއިލާއަކަށް އުފަންވި ސުއްބުލަކްޝްމީ އުމުރުން އެންމެ 11 އަހަރުގައި ލަވަކިޔަން ފަށާފައިވާއިރު، 1930 އަދި 1940 ގެ އަހަރުތަކުގައި "ސޭވާސަދަނަމް" އަދި "މީރާ" ފަދަ ފިލްމުތަކުގައިވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ. އޭނާ މަރުވެފައިވަނީ 2004 ވަނަ އަހަރު، އުމުރުން 88 އަހަރުގައެވެ.
މި ބަޔޮޕިކްގެ އިތުރުންވެސް ރަޝްމިކާގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި ވިޖޭ ދޭވަރަކޮންޑާއާއެކު ކުޅޭ ފިލްމު "ރަނަބާލީ" އާއި ޑައިރެކްޓަރު ރަވިންދްރަ ޕުއްލޭގެ "މައިސާ" ހިމެނެއެވެ. މީގެ އިތުރުން އައްލޫ އަރުޖުން އާއި ދީޕިކާ ޕަދުކޯންގެ "ރާކާ" އިންވެސް އޭނާ ފެނިދާނެކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.




.jpg?w=3840&q=75)



