
ބޮޑު ތަކުރުފާނު މަގު| ގާފު ޕޮޓޯ: އަޙްމަދު ރީހާން
މަގުތަކުގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރުވެ، ދުވަހަކަށްވުރެ ދުވަހެއް ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދިއުމަކީ މިހާރު މުޅި މުޖުތަމައުގައި އޮތް އެންމެ ބޮޑު ހިތާމަވެރި ކަންބޮޑުވުމެވެ.
ބާރު ސްޕީޑްގައި ފަރުވާކުޑަކޮށް އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން އެއްވެސް ކުށެއްނެތް އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެ، ބައެއް ހާލަތްތަކުގައި މަރުގެ ރަހަލާ ފަހަރުތަކުގެ އިތުރުން އާއިލާތައް ދަނީ ފޫނުބެއްދޭވަރުގެ ގެއްލުންތަކާއި ހިތާމަތައް ތަހައްމަލްކުރަމުންނެވެ.
މިހާރުގެ ހާލަތައް ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި މުހިންމު އިސްލާހުތަކާއެކު، ބޮޑެތި ޖޫރިމަނާތައް ކަނޑައަޅައި އެ ގާނޫނު ތަންފީޒުކުރަން ފެށުމަކީ މިއަދު ކޮންމެހެންވެސް ކުރަންޖެހިފައި އޮތް މުހިންމު ކަމެކެވެ. މި ވަގުތަށް ބޭނުންވެފައި އޮތް މި ހަރުކަށި ބަދަލުތަކާއެކު، މަގުމަތީގެ ގަވައިދުތަކަށް ބޯލެނބުން ކަށަވަރުކޮށް، މަގުތަކުގެ އަހުލާގު އިސްލާހުވެގެންދާނެ ކަމުގެ އުންމީދެއް އެބައޮތެވެ.
އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި، ޓްރެފިކް ޖޫރިމަނާގެ ޖުމްލަ އަދަދު 5،000 ރުފިޔާއަށް ވުރެ ބޮޑުވެއްޖެ ހާލަތެއްގައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމާއި ބާތިލްކުރުމުގެ ބާރު ފުލުހުުންނަށް ލިބިދެ އެވެ. އަދި ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާ ހާލަތްތަކުގައި 48 ގަޑިއިރުގެ ވަގުތީ ހުއްދައެއް ދޫކުރާއިރު، ބަންދު ދުވަސްތަކުގައި ފައިސާ ދެއްކޭނެ އިންތިޒާމު ނެތްނަމަ އެ މުއްދަތު ގުނާނީ ސަރުކާރު ބަންދު ނޫން ރަސްމީ ދުވަސްތަކަށްކަމަށްވެސް ގާނޫނުގައިވެ އެވެ.
މީގެއިތުރުން، ލައިސަންސް ނެތި ނުވަތަ ހިފަހައްޓާފައިވަނިކޮށް ދުއްވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް 1,000 ރުފިޔާ، ދެވަނަ ފަހަރަށް 1,500 ރުފިޔާ އަދި ތިންވަނަ ފަހަރަށް 2,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިތުރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ކުރި ޖޫރިމަނާގެ ދެގުނައިން ޖޫރިމަނާކޮށް، އުޅަނދު 30 ދުވަހަށް ހިފަހައްޓައި ވެރިފަރާތް 2,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ޤަވާޢިދާ ޚިލާފަށް ޕާކުކުރުން ހުއްޓުވުމަށް، އާންމުކޮށް ޤަވާޢިދާ ޚިލާފަށް ޕާކުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާކޮށް ޑީމެރިޓް ޕޮއިންޓް އުނިކުރާގޮތަށް ހަމަޖައްސާފައިވާއިރު، ސްކޫލްތައް ކައިރި ޒޯންތަކާއި، ކަފިހިހުރަސްތަކާއި، ބަސް ހުއްޓާ ޒޯންތަކާއި، ގޯޅިތަކުގެ ކަންމަތީގައި ޕާކުކޮށްފިނަމަ 1,500 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.
އެންމެ ހަރުކަށި ފިޔަވަޅުތައް އަދި ބޮޑެތި ޖޫރިމަނާތައް ކަނޑައަޅާފައިވަނީ ފަރުވާކުޑަކޮށް ނުރައްކާތެރިކޮށް ދުއްވުމާއި، ލައިސަންސް ނެތް ފަރާތްތަކަށާއި ކުޑަކުދިންނަށް އުޅަނދު ދޭ ފަރާތްތަކަށެވެ. އެފަދަ ފަރާތްތަކަށް އުޅަނދު ދީފިނަމަ 25,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށާއި، އޭގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ އެ ޢަދަދު 100,000 ރުފިޔާއާ ހަމައަށް، އަދި ނުރައްކާތެރިކޮށް ދުއްވައިގެން ލިބޭ އަނިޔާތަކަށް ބައި މިލިއަން (500,000) ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެ އެވެ.











.jpg?w=3840&q=75)




