
.png?w=3840&q=75)


.jpg?w=3840&q=75)




ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން މި އަމަލުތައް ހިންގަމުންނެވެ. އެގޮތުން "Hulhumale Daily Rent Apartment" (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު ބޭނުންކޮށްގެން އޮޅުވާލުންތައް ހިންގަމުންދާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، މި މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރެވޭ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މިފަދަ ޖަރީމާތަކުގައި ނޯންނަކަން ވެސް ފުލުހުންގެ ތަހުގީގުން ވަނީ އެނގިފައެވެ.
މިފަދަ ފަރާތްތަކުން މީހުން ޝައުގުވެރިކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ވީޑިއޯއާއި ފޮޓޯ ވަގަށް ނަގައިގެން، ނުއަގުގައި ނުވަތަ އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭ ކަމަށް ބުނެ އިޝްތިހާރު ކުރެއެވެ. އަދި މެސެޖިންގ ޕްލެޓްފޯމްތަކުން މުއާމަލާތްކުރަން ފެށުމުން، އެ ތަން ހޯދުމަށް އެހެން ކަސްޓަމަރުންވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި، ބުކިންގ ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް މަޖުބޫރުކުރެއެވެ.
މީގެއިތުރުން، އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވައި، ވަކި ބޭންކް އެކައުންޓްތަކަކަށް 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް އެދެއެވެ. އަދި ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ފޮނުވުމާއެކު، މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް ފައިސާ ވެސް އަނބުރާ ނުދޭކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިންގ ފީއެއް ޓްރާންސްފަރ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުއްޔަށް ހިފުމުގެ އެއްބަސްވުން ހެދުމުގެ ކުރިން ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުން ޔަގީންކުރުމަށާއި، ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަސްއަރުވާލައިގެން އޮންލައިންކޮށް ފައިސާ ދައްކަން ބުނާ ބުނުންތަކަށް ފާރަވެރިވުމަށް ވެސް ވަނީ އެދިފައެވެ. މީގެ އިތުރުން ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިންގ އެޕްތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ފުލުހުން ވަނީ މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 (960+) އަށް ފައިސާ ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް އެދިފައެވެ.

.png?w=3840&q=75)


.jpg?w=3840&q=75)



