
ވެހިރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންގެ އަދަދު އިތުރުކޮށް، މުޅި ރާއްޖެއަށް ޤުރުއާނުގެ އަލިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ދަނީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުން
ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް ހުރި ހިދާޔަތެކެވެ. މާތް ﷲ ގެ ކަލާމްފުޅު ހިތުދަސްކޮށް، އެ ފޮތުގެ ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމް މުޖުތަމަޢަކަށް ވެސް ލިބޭނެ އެންމެ ބޮޑު އެއް ޝަރަފެވެ. މިގޮތުން، ދިވެހިރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންގެ އަދަދު އިތުރުކޮށް، މުޅި ރާއްޖެއަށް ޤުރުއާނުގެ އަލިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ދަނީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ.
މި ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ދައްކުވައިދޭ ތަފާސްހިސާބުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މިހާތަނަށް ރާއްޖޭގައި ތިބި ޙާފިޡުންގެ އަދަދު ވަނީ 322 އަށް އަރާފައެވެ. ރާއްޖޭގައި ޙާފިޡުންގެ އަދަދު މިހާ ހަލުވިކަމާއެކު އިތުރުވަމުން ދިއުމަކީ ނުހަނު އުފާވެރި ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޒުވާނުން ޤުރުއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު ވަރަށް ބޮޑަށް އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަހު ވެސް އިތުރު ގިނަ އަދަދެއްގެ ޙާފިޡުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ޙާފިޡުންގެ އަދަދު 500 އަށް އިތުރުކުރުމެވެ.
ޙާފިޡުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުން ޙާފިޡުންނަށް ދެއްވާ ޚާއްޞަ އިނާޔަތް އިތުރުކުރައްވާފައެވެ. މީގެ އިތުރުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ވެސް ވަނީ ފައްޓަވާފައެވެ. އެގޮތުން މިވަގުތު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި ޢިލްމު އިންސްޓިޓިއުޓުގައި ކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ ޢިލްމު ފޯރުކޮށްދިނުމުގެ އަމާޒުގައި، މިހާރު ވެސް 30 ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ޚިދުމަތް ދޭން ފަށާފައިވެއެވެ. އަދި އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތާއި، އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި މަޝްރޫޢު ފުޅާކުރުމެވެ. މި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ރަށްރަށުގައި ހުންނަ މި މަރުކަޒުތަކުގައި އިމާމުންނަށް ވެސް ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެބޭފުޅުންގެ ވަޒީފާގެ ބަޔާނަށް މި މަސްއޫލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ވެސް ވަޒީރު ޝަހީމް ވަނީ ހާމަކުރައްވާފައެވެ.
މި މަސައްކަތްތައް ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުމަށްޓަކައި، ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއް ބޭއްވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން މިހާރު ވަނީ އެދިފައެވެ. އަދި މިފަދަ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ޒަކާތު ފަންޑުގެ ފީސަބީލިއްލާހި ބައިންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކުގައެވެ.
ދިވެހިރާއްޖޭގައި ޙާފިޡުން އިތުރުކުރުމަށާއި ޤުރުއާނުގެ ޢިލްމު ދިރުވައި އާލާކުރުމަށް ސަރުކާރުން ފަށާފައިވާ ހަރުދަނާ މަސައްކަތްތަކަކީ ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަކޮށް، ދީނީ ގޮތުން ހޭލުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް އެޅިގެންދާ ވަރަށް އަގުހުރި، މުހިންމު ފިޔަވަޅެކެވެ.


.jpeg?w=3840&q=75)




.jpeg?w=3840&q=75)




