


.png?w=3840&q=75)


.jpg?w=3840&q=75)


ކޮންކުއިސްޓާ އާއި ވިންސިއާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި މުބާރާތުގެ އެންމެ ވަރުގަދަ އެއްޓީމުކަމަށްވާ ވިންސިއާ 4-5 ގެ ނަތީޖާއަކުން ބަލިކޮށް ކޮންކުއިސްޓާ އެސްސީ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މުބާރާތުގައި ކޮންކުއިސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި ތީ ލައިވް ސްޕޯޓްސް ކުލަބު އަތުން 6-3 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ވިންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 6-3 ގެ ނަތީޖާއަކުން ތީ ލައިވް ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވިންސިއާ އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ކޮންކުއިސްޓާ އެސްސީ ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ކޮންކުއިސްޓާ އެސްސީގެ ޝަނާން ރަޝާދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު ޒާން ބިން އަރީފް، އިސްމާއިލް ޝަހުދު އަދި ކެޕްޓަން މުހައްމަދު އަޔާން އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ވިންސިއާގެ އަލީ ހާފިޒް (ހާއްޕެ) ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮންކުއިސްޓާ އެސްސީގެ ޝަނާން ރަޝާދު އެވެ.
މިނަތީޖާއެކު މުބާރާތުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ކޮންކުއިސްޓާ އެސްސީ ތާވަލުގެ ހަވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ވިންސިއާ އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 މިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.







.png?w=3840&q=75)
