








މާލެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރޮނގުދެމުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ މަގުމަތީގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރޮނގުދެމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުރުމަށް ނިންމާފައިވާ މަސައްކަތުގެ އަމަލީ މަސައްކަތްކަމަށެވެ.
މި މަސައްކަތުގެ ދަށުން މިއަދު މާލެ ސިޓީ ކައުންސިލުން މ.ފުލޫނިޔާ މަގާއި ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަހައްދުތައް ފާހަގަކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެ ސަރަހައްދުތަކަކީ ޕާކުކުރުން މަނާ ތަންތަންކަން އަންގައިދިނުމުގެ ގޮތުން ރީނދޫ ކުލައިގެ ދެ ރޮނގު ދެމުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް ސިޓީ ކައުންސިލުން ފާހަގަކުރި އެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން މަގުތައް ތޮއްޖެހުމަށްދިމާވާ، މައްސަލައަށް ހައްލުގެނައުމުގެ ގޮތުން ރީނދޫ ރޮނގުދަމައި ފާހަގަކުރުމުން އެތަންތަނުގައި ޕާކު ނުކުރެވޭނެ ކަމަށެވެ. އަދި އެއީ މަނާ ކަމެއްކަމަށްވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ، އަމާން ތަނަކަށް ހެދުމަށްޓަކައި ކުރެވެމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މިފަދައިން ރޮނގުދެމުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.








