








ހުޅުމާލެ ފޭސް 2
ހުޅުމާލޭގެ ޓަވަރުތަކުގެ ކުޑަދޮރުތަކާއި ބެލްކަނިތަކުގައި ރެއިލިން ހަރުކުރަން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެންގުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މިއަދު މާލެ ސިޓީގެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުން ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.
ޒާޔާ ވިދާޅުވީ ހުޅުމާލެ ޓަވަރުތަކުން މިހާރަކަށްއައިސް ކުޑަކުދިން ވެއްޓޭ އަދަދު އިތުރުވެފައިވާއިރު، އެކަމަށް ދާއިމީ ހައްލެއް ލިބެންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާގޮތް ތަފްސީލްކޮށްދެމުން ޒާޔާ ވިދާޅުވީ އެ ގައުމުތަކުގެ ޓަވަރުތަކުގެ ކުޑަދޮރާއި ބެލްކަނީގައި ހުންނަގޮތައް ރާއްޖޭގައިވެސް ރެއިލިން ހަރުކުރަން ޖެހޭ ކަމަށެވެ.
ހުޅުމާލޭގެ މިފަދަ ކަންކަން މަތިކޮށްފައިވަނީ އެޗްޑީސީއަށް ކަން ފާހަގަކުރައްވާ ޒާޔާ ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ރެއިލިން ހަރުނުކޮށްފިނަމަ އެތައް ފުރާނައެއް ގެއްލިގެންދާނެ ކަމަށެވެ.
"ކޮންމެ ޓަވަރެއްގެ ބަލަދުވެރި ކުންފުންޏާ ގުޅިގެން އެ ޓަވަރެއްގައި ހުރި ކުޑަދޮރުތަކާއި ބެލްކަންޏާއި އެ ފަދަ އޯޕަން އޭރިއާސްތަކުގައި ރެއިލިން ޖަހަން ޖެހޭ އެޗްޑީސީން،" ޒާޔާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ހުޅުމާލޭ ފޭސް 2 ގައި އެކްސިޑެންޓްތައް ގިނަވެފައިވާކަމަށް ޒާޔާ ފާހަގަކުރެއްވި އެވެ. އަދި މި މައްސަލަ މަދުކުރުމަށް ފުލުހުންނާއި ގުޅިގެން ޓްރެފިކް ހަރުދަނާކުރުމަށް އެޗްޑީސީއަށް އެންގުމަށްވެސް ޒާޔާ ވަނީ ހުށަހަޅުއްވާފަ އެވެ.
މި މައްސަލަ އެޗްޑީސީއަށް އަންގަން ފާސްވީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.








