








ދިވެހި ލީގު ކޮލިފައިން މެޗަކަށްފަހު ގައްދޫ ޓީމުގެ ކެޕްޓަން ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ..
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މިސީޒަނުގެ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމް އިން މިއަދު އާންމުކުރި އިއުލާނުގައިވާގޮތުން 2026/2027 ވަނަ އަހަރަށް އެސޯސިއޭޝަނުން ކަޑައަޅާފައިވާ ފުޓްބޯޅަ ކަލަންޑަރުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އެޓޯލް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
މީގެ އިތުރުން މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަންގެ 'ކޮމްޕެޓިޝަން ޕޯޓަލް' މެދުވެރިކޮށް ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމަށް އެފްއޭއެމުން ވަނީ އެދިފައެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު ޔަގީންވުމުން، އެކި ސަރަޙައްދުތަކުގައި މެޗުތައް ކުޅޭނެ ތާރީޚުތައް ފަހުން އިއުލާނުކުރާނެ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.
ދިވެހި ފުޓްބޯޅައިގެ މިސްރާބު ބަދަލުކޮށް އާއުސްމުންތަކަކަށް ފުޓްބޯޅަ ގެންދިއުމުގެ މަގުސަދުގައި އެފްއޭއެމް އިން ވަނީ ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން، އެޓޯލް ޗެމްޕިއަންޝިޕުން ފެށިގެން، ދިވެހި ޕްރިމިއަރ ލީގަށް ޕްރޮމޯޓުވެވޭ ގޮތަށް ފުޓްބޯޅައިގެ އޮނިގަޑަށް ބޮޑެތި ބަދަލު ގެނެސް، ފާއިތުވީ ސީޒަނުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެޓޯލް ޗެމްޕިއަންޝިޕުގައިއެންމެ ނަތީޖާ ރަނގަޅު ޓީމުތަކަށް ޒޯން ބުރެއް ބާއްވައި، އެއަށްފަހު ރީޖަނަލް ކޮލިފިކޭޝަންކުޅެ، އޭގެއިން ޓީމުތަކަށް މާލޭ ސިޓީގައި ބާއްވާ ދިވެހި ލީގު ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން ލީގު ކޮލިފިކޭޝަންގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމުގެ ތެރޭގައި ހިމެނި، ހޯމް އެންޑް އަވޭގެ އުސޫލުން ކުޅޭ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު "ދިވެހި ޕްރެމިއާ ލީގު" އަށް ކޮލިފައި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މަހުގެ 10ވަނަ ދުވަހު ފަށާ މި ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި ކުޅޭ ޓީމުތަކުގެ ތެރޭގައި މިދިޔަ ސީޒަނުގެ އެޓޯލް ޗެމްޕިއަންޝިފުން ފެށިގެން ދިވެހި ލީގު ކޮލިފައިން އާއި ހަމައަށް ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، ދިވެހި ލީގުން ޖާގަ ހޯދާފައިވާ ހއ. ދިއްދޫއާއި ގދ. ގައްދޫ އިން ވަނީ ދިވެހި ފުޓްބޯޅައިގެ ތާރީޚުން ޖާގަ ހޯދާފައެވެ.




