
-
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި، މި ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނިފައިވަނީ ކެނަބިހެވެ.
އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 450 ގްރާމް ހުރިކަމަށްވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ރާއްޖޭގެ ބޯޑަރުތަކުގައި ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.
މިގޮތުން މި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މި މައްސަލައާ ގުޅުންހުރި ފަރާތް، މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
















