
-
ޖަޕާނުގެ ދެކުނުގެ ރަށެއްކަމަށްވާ އޮކިނާވާ އަށް ބާރުގަދަ ތޫފާން "ޑޮލްފިން" އަރައި، 5 މީހަކަށް އަނިޔާވެ 14,000 އިމާރާތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
މި ތޫފާން މިހާރު މިސްރާބު ޖަހަމުންދަނީ ޗައިނާގެ އިރުމަތީ ސަރަޙައްދުތަކަށެވެ.
ޖަޕާނުގައި މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޮކިނާވާ އާއި ކަގޯޝިމާ ޕްރިފެކްޗާގެ އަމާމީ ރަށަށެވެ. އޮކިނާވާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، ގަދަ ވަޔާއެކު ވެއްޓިގެން އަނިޔާވި ތިން މީހުންނާއެކު ޖުމްލަ އުމުރުން ދުވަސްވީ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ތޫފާނާ ގުޅިގެން ޖަޕާނުގެ އިތުރުން ޗައިނާއާއި ތައިވާނުގައިވެސް ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްކުރަން ޖެހިފައެވެ. އަދި ތޫފާން އަރާނެކަމަށް ބެލެވޭ ޗައިނާގެ އިރުމަތީ ސަރަޙައްދުތަކުގައި ބަނދަރުތަކާއި، ސުކޫލުތަކުގެ އިތުރުން ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަން ވަނީ ބަންދުކޮށް، ލެވެލް 3 ގެ އިމަޖެންސީ އެލާޓް ނެރެފައެވެ.
ހޮންކޮންގުގެ "ޗައިނީޒް ވައިޓް ޑޮލްފިން" އަށް ނިސްބަތްކޮށް ނަން ދެވިފައިވާ މި ތޫފާން އުފެދިފައިވަނީ ޖޫލައި 26 ގައި ޕެސިފިކް ކަނޑުގެ މެދުތެރޭގައި އުފެދުނު ކޮޅިގަނޑަކުންނެވެ. އެއަށްފަހު، ވަރުގަދަ ބާރުމިނެއްގައި ކޮޅިގަނޑު ޖޫލައި 28 ގައި ވަރަށް ބާރުގަދަ ތޫފާނަކަށް ވަނީ ބަދަލުވެފައެވެ.
ޖަޕާނުގެ މީޓިއޮރޯލޮޖިކަލް އޭޖެންސީން ބުނި ގޮތުގައި، ކުމޭ ރަށާ 160 ކިލޯމީޓަރު ބޭރުން ދަތުރުކުރަމުންދާ މި ތޫފާނުގައި ގަޑިއަކު 162 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު، ވިލާގަނޑުގައި ގަޑިއަކު 216 ކިލޯމީޓަރަށް ވައި ގަދަވެއެވެ.
މި ތޫފާން އުފެދިފައިމިވަނީ އިރުމަތީ އޭޝިއާއަށް ރެކޯޑު މިންވަރަކަށް ހޫނުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، ޖަޕާނުގެ ޒޫއެއްގައި އުޅުނު 3 ސިންގާ ހޫނުގަދަވެގެން މަރުވެފައިވާއިރު، ސައުތު ކޮރެއާގައި ހޫނުގަދަވުމުގެ ސަބަބުން 20 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
















.webp?w=3840&q=75)