
-
ހުޅުމާލެ ހޮސްޕިޓަލުން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީއާ ދިމާކޮށް ކުރިއަށްގެންދާ ޚާއްސަ ޚިތާނު ކޭމްޕުގެ ޚިދުމަތްތައް މިއަދު އެ ހޮސްޕިޓަލުގައި ރަސްމީކޮށް ފަށައިފިއެވެ.
މިއީ އާންމުކޮށް ސްކޫލްތައް ބަންދުވާ ދުވަސްވަރާ ދިމާކޮށް ބެލެނިވެރިންނަށާއި ކުދިންނަށް ލުއިފަސޭހަ މާހައުލެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ސިލްސިލާކޮށް ހިންގާ ވަރަށް މުހިންމު ހަރަކާތެކެވެ.
މިއަހަރުގެ ކޭމްޕުގައި ޖުމްލަ 78 ކުދިންނަށް ޚިތާނުކުރުމުގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުން ބަލަހައްޓަމުންގެންދާ މި ކޭމްޕުގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ކުރިއަށް އޮތް ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ފަހަރުގެ ކޭމްޕު ވެސް ކުރިއަށްދަނީ ކުދިންނަށް ހިތްފަސޭހަ އަދި ބެލެނިވެރިންނަށް އިތުބާރުހުރި ރައްކާތެރި މާހައުލެއްގައެވެ.
ހުޅުމާލެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމު ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ، ފެންވަރު ރަނގަޅު އަދި ސިއްހީގޮތުން އެންމެ ރައްކާތެރި ޚިދުމަތްތައް މުޖުތަމައުއަށް ފޯރުކޮށްދިނުމަށެވެ.
މީގެ ކުރީ އަހަރުތަކުގައި ވެސް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ގިނަ އަދަދެއްގެ ކުދިންނަށް އަމާޒުކޮށްގެން ކާމިޔާބު ކޭމްޕުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ބެލެނިވެރިންގެ ފަރާތުން މި ކޭމްޕަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ހޮސްޕިޓަލުގެ ޖާގައާއި ވަސީލަތްތައް އިތުރުކޮށް ޚިދުމަތްތައް އަވަސްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.















