.jpeg?w=1920&q=75)
މާފަންނު ޕޮލިސް ސްޓޭޝަން
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހަމަނުޖެހުން ހިންގި މައްސަލައިގާ ހައްޔަރުކުރި 3 މީހުން ގެ ބަންދު މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި އެންމެފުރަތަަމަ ހައްޔަރުކުރީ ދެ މީހުންނެވެ. ފުލުހުން ބުނީ ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އަދި މިއަދު ހެނދުނު ފުލުހުން ބުނީ އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ވެސް 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުނެއެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ޖުލައި 11 ވީ ހޮނިހިރު ދުވަހު ބޭއްވި ޕީއެންސީ ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމިފައިވަނިކޮށް، ހުޅުމާލޭގެ ވޯޓުލާ މަރުކަޒެއްގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލްގައި ކަން ހާމަވެއެވެ. އަދި މި ވީޑިއޯގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާ ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލާ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ވެސް ފެނެއެވެ.
މީގެ އިތުރުން އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދޭ މަންޒަރު ފެނެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި ދެ ފުލުހަކު ހަމަނުޖެހުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް، މަސްލަހަތު ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވަންދެން ހަމަނުޖެހުން ކުރިއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
















