
-
އދ. ދިއްދޫގައި ސަރުކާރުން ތަރައްޤީކުރި އައު ފުޓުސަލް ދަނޑު، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ދަނޑު ހުޅުވުމަށްޓަކައި އދ. ދިއްދޫގައި ހުކުރު ދުވަހުގެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީންއާއި، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ދިއްދޫ ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ރަށުގައި ތިބެގެން ތަފާތު ކުޅިވަރުތައް ކުޅެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، މުޅި ރާއްޖެ ހިމެނޭހެން ގިނަ މަޝްރޫޢުތަކެއް ހުރިހާ ރަށެއްގައިވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރަށްރަށުގައި އަލަށް ހުޅުވެމުންދާ މިފަދަ ފުޓުސަލް ދަނޑުތަކުގެ ސަބަބުން މޮޅެތި، ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް މުޖުތަމައަށް ނުކުމެ، ޒުވާނުންނަށް ކުޅިވަރުގެ މައިދާނުން ކުރިއަށްދިއުމުގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. މިއީ ސަރުކާރުން ކުޅިވަރާއި ޒުވާނުންގެ ތަރައްގީއަށް ދެއްވާ ޚާއްސަ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ އދ. ދިއްދޫގައި ފުޓުސަލް ދަނޑު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.












